މި ސަރުކާރުގެ އަމާޒަކީ، ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިކޮށް ގިނަ ދިވެހިން ދަނޑުވެރިކަމުގެ ސިނާއަތައް ނެރުންކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ މީދޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިއަހަރުގެ ޤައުމީ ދަނޑުވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ، އައްޑޫ މީދޫގައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ޙަވާލުވެވަޑައިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކަމަށެވެ. އައްޑޫ މީދޫގެ ކޮމިއުނިޓީއަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ، މިއީ ދަނޑުވެރިކަމުގެ ވަރަށް ބޮޑު ކޮމިއުނިޓީއެއް ކަމަށެވެ. ގާތްގަނޑަކަށް 165 ދަނޑުވެރިން މީދޫގައި ދަނޑުވެރިކަން ކުރަމުންދާ ކަމަށެވެ.
ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަލިއަޅުވާލައްވާފައެވެ. މި ޕްރޮގްރާމުން ވަރަށް ބޮޑަށް މިސަރުކާރުގެ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމުގެ ޕްރޮގްރާމަށް އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 ނާސަރީ އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، މީގެ ފުރަތަމަ ނާސަރީ ޤާއިމްވެގެންދަނީ އައްޑޫ މީދޫގައިކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތަށް މީދޫގެ ދަނޑުވެރިންގެ ހިއްސާ ބޮޑުކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މި ބަލަނީ ކޮމިއުނިޓީއާއިއެކު މަސައްކަތް ކޮށްގެން މުޅި ދިވެހިރާއްޖޭގައި ވަކިން ޚާއްސަކޮށް ލޯކަލް ކޮމިއުނިޓީ އިނގޭތޯ ވީހާވެސް ގިނަ ދިވެހިން ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ބައިވެރިވާނެ ގޮތްތަކަކަށް ދަނޑުވެރިކަން އިމްޕްރޫވްކުރަން ބޭނުންވަނީ. ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވަން އަޅުގަނޑުމެން ބޭނުންވޭ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުގައި ދަނޑުވެރިކަން ފުޅާކުރުމަށް ވަކިވަކި ރަށްރަށާއިއެކު އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކައުންސިލުތަކުން ތަމްރީން ޕްރޮގްރާމްތައް ހިންގަން ބޭނުންވާނަމަ އެކަމަށްވެސް ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން ރާއްޖެއަށް އެހީތެރިވެދޭ ބައެއް އެހެން ޤައުމުތަކާއިއެކު ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.