އީރާނުގެ ބިމުގެ އަޑީގައި ޤާއިމުކޮށްފައިވާ ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ހަކަތައިގެ މުހިންމު ވަޞީލަތްތަކަށް އަމާޒުކޮށް، އެމެރިކާގެ އަސްކަރިއްޔާގައި ހުރި އެންމެ ބާރުގަދަ ނިއުކްލިޔަރ ނޫން ހަތިޔާރު ކަމަށްވާ "މަދަރ އޮފް އޯލް ބޮމްބްސް" (އެމްއޯއޭބީ) ބޭނުންކުރުމާ މެދު، އަސްކަރީ މާހިރުންނާއި އިސް އޮފިޝަލުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކާއި ސުވާލުތަކެއް އުފައްދައިފިއެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އެތެރޭގެ މަޝްވަރާތަކާ ޙަވާލާދީ ފެތުރިފައިވާ ރިޕޯޓްތައް ބުނާ ގޮތުގައި، ޖީ.ޕީ.އެސްގެ އެހީގައި އަމާޒު ކުރާ މި ބޮމަކީ ސަހަރެއްގެ ބޮޑު ސަރަޙައްދެއް އެއްކޮށް ސުންނާފަތިކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. ނަމަވެސް، މިއީ ބިމުގެ އަޑި ފޫއަޅުވާލުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ބޮމެއް ނޫނެވެ. އެހެންކަމުން، އީރާނުގެ ވަރުގަދަ ގްރެނައިޓް ފަރުބަދަތަކުގެ އަޑީގައި ރައްކާތެރިކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކަށް އެދެވޭ ގެއްލުމެއް ދިނުމުގެ ޤާބިލުކަމެއް މި ބޮމުގައި ނެތް ކަމަށް ތަޖުރިބާކާރުން އިއްތިފާޤުވެއެވެ.
މީގެ އިތުރުން، މި ބޮމުގެ ނުރައްކާތެރި ގޮވުމުގެ ބާރު ފޯރާ ސަރަޙައްދު ފުޅާކަމުން، އާންމުން ދިރިއުޅޭ އަވަށްތަކާއި ސަރަޙައްދުތަކާ ކައިރިއަށް މި ހަމަލާ އަމާޒުވެއްޖެނަމަ، އެތައް ހާސް އާންމު ރައްޔިތުންގެ ފުރާނަ ގެއްލިގެންދާނެ ކަމުގެ ބިރު ބޮޑެވެ. ހަމައެއާއެކު، މި ހަނގުރާމަ އަމަލީ ގޮތުން ނިންމާލެވޭނެ ޙަޤީޤީ އަދި ހަރުދަނާ ރޭވުމެއް އެމެރިކާގެ ސަރުކާރުގެ އެބައޮތްތޯވެސް އަސްކަރީ އިސް ވެރިން އަމިއްލަ ގޮތުން ދަނީ ސުވާލު އުފައްދަމުންނެވެ.
ނަމަވެސް، ކުރިއަށް އޮތް އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ކުރިން ނުވަތަ ފަހުންވެސް އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި ޙާލަތެއްގައި ބޭނުންކުރުމަށްޓަކައި، އެމެރިކާގެ ދިފާޢީ ވުޒާރާއިން މިހާރު ވަނީ މި ހަމަލާގެ ޕްލޭންތައް އެކުލަވާލައި ފުރިހަމަކޮށްފައެވެ.
އާންމުންގެ ތާޢީދު ވަރަށް ބޮޑަށް ކުޑަވެފައިވާ މި ހަނގުރާމަ ހުއްޓައިލުމަށް ޓްރަމްޕަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުން އަންނައިރު، ވޭތުވެދިޔަ ހަ މަސްދުވަހު މެދުކެނޑުމެއްނެތި ބޮންއަޅަމުން ދިޔަނަމަވެސް އީރާނާ އެކު ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ވާސިލުވެވިފައެއް ނުވެއެވެ. މިފަދަ ހާލަތެއްގައި އެމްއޯއޭބީ ބޭނުންކުރުމަކީ އަސްކަރީ ގޮތުން ހޯދޭ ޙަޤީޤީ ކާމިޔާބީއަކަށްވުރެ ބޮޑަށް، އީރާނުގެ ސަރުކާރުގެ އިސްވެރިން ސިއްސުވާލައި، ބިރުގަންނަވާލުމަށް ދޭ ނަފްސާނީ ހަމަލާއެއްގެ ގޮތުގައި ބައެއް މަސްދަރުތަކުން ސިފަކުރެއެވެ.
ދިފާޢީ ވުޒާރާގެ އެތެރޭގެ މަޝްވަރާތަކާ ހަވާލާދީ ސީ.އެން.އެން ނޫހުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ހަނގުރާމައިގެ އަސްލު މަގުޞަދު ޙާޞިލުނުވި ނަމަވެސް، ޓްރަމްޕަށް "ރަމްޒީ ކާމިޔާބީއެއް" ދެއްކުމަށްފަހު ހަނގުރާމަ ނިންމައިލުމަށް ބޭނުންކުރެވިދާނެ "ހަވާ އެރުވުން" ފަދަ ދެއްކުންތެރި އުކުޅެކެވެ.
އިރާޤު ހަނގުރާމައިގެ ދުވަސްވަރު، 2003 ވަނަ އަހަރު އުފެއްދި 21،600 ޕައުންޑުގެ މި ބޮން، ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި 2017 ވަނަ އަހަރު ވަނީ އަފްޣާނިސްތާނުގައިވާ އައިސިސްގެ ބިންގަރާސްތަކަށް އަޅައިފައެވެ،. އެ ފަހަރުވެސް މިފަދަ ބާރުގަދަ ހަތިޔާރެއް ބޭނުންކުރުމުގެ މުހިންމުކަމާމެދު ބައިނަލްއަޤުވާމީ ފެންވަރުގައި ސުވާލު އުފެދުނުއިރު، އީރާނާ ދެކޮޅަށް މި ބޮން ބޭނުންކޮށްފިނަމަ، އެމެރިކާ ސަރުކާރަށް މާ ސީރިއަސް އަދި ބޮޑެތި ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ.