ޚަބަރު

"ކޮމިޝަންޑް އޮފިސަރުން ހަރުދަނާ ލީޑަރޝިޕެއް ދައްކަންޖެހޭ"


  • ސީޕީ ވަނީ މުއައްސަސާގެ ކޮލިޓީ ދަމަހައްޓައި ދިގު މުއްދަތަކަށް ޚިދުމަތުގައި ދެމިތިބުމަށް އިލްތިމާސްކުރައްވާފައި

ކޮމިޝަންޑް އޮފިސަރުންގެ ރޭންކުތަކާ ގުޅޭ ފުލުހުންނަކީ މުއައްސަސާއާއި ރައްޔިތުން އެދޭ ފަދަ ޤާބިލު ލީޑަރޝިޕެއް އަމަލީ މައިދާނުގައި ދައްކައި، ބޮޑެތި ޒިންމާތައް އުފުލޭނެ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އިން ހިންގި 6 ވަނަ އިންސްޕެކްޓަރ ކޯސް ނިންމުމުގެ ގޮތުން މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، 9 މޮޑިއުލްގެ މައްޗަށް އެކުލެވޭ މި ތަމްރީނު ފުރިހަމަކުރި 35 އޮފިސަރުންނަކީ ނަން-ކޮމިޝަންޑް ރޭންކުތަކުން ކޮމިޝަންޑް އޮފިސަރެއްގެ ގިންތިއަށް ބަދަލުވުމުގެ މަރުހަލާ ފުރިހަމަކޮށް، މާދަމާ މުއައްސަސާގެ އިސް ލީޑަރޝިޕްގެ ޒިންމާތަކާ ހަވާލުވުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށެވެ. އަދި މި ކޯހަކީ މުއައްސަސާގެ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. މި ކޯހުން އެއްވަނަ ހޯދާފައިވަނީ އަޙްމަދު ނަދީމެވެ.

ފުލުހުންގެ ތަމްރީނުތަކަށް މުއައްސަސާއިން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކާއި ހޭދައަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފަންވާނީ ޚިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ވަގުތީ ގޮތުން މަޑުކޮށްލާ ބަނދަރަކަށް ނުހަދައި، މުއައްސަސާގެ ކޮލިޓީ ދަމަހައްޓައި ދިގު މުއްދަތަކަށް ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

މުވައްޒަފުން ތަމްރީނުކޮށް، އިލްމާއި ހުނަރުގެ ފެންވަރު މަތިކުރުމަކީ މުއައްސަސާއިން ކޮންމެ ދުވަހަކުވެސް ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކުރައްވަމުން، ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދާނީ ޢިލްމީ ގޮތުން ގާބިލު، ހުނަރުވެރި، އަދި ރައްޔިތުން އިތުބާރުކުރާ ފަދަ ތަޖުރިބާކާރު ފުލުހުން ތިބި މުއައްސަސާއަކަށް ކަމަށް ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެން.ސީ.ޕީ.އެލް.އީގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން އަދި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ދަސްވެނިވި އޮފިސަރުން ބައިވެރިވިއެވެ.