ޚަބަރު

ނުރައްކާތެރި ގޮވާ އެއްޗެހި ރައްކާތެރިކަމާއެކު ނައްތާލުމާގުޅޭ ކޯހެއް 27 ސިފައިން ފުރިހަމަކޮށްފި


  • ކޯސް ހިންގާފައިވަނީ މާރޗް 24އިން މިމަހުގެ 11އަށް

  • ނުރައްކާތެރި ގޮވާ އެއްޗިއްސާ ގުޅުންހުރި ދާއިރާތަކުން ކޯހުގައި ކިޔަވައިދީފައިވޭ

ނުރައްކާތެރި ގޮވާ ކަހަލަ ބޮމާއި އެކްސްޕްލޯސިވް ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމާ ގުޅޭގޮތުން ފަރުމާކޮށްފައިވާ ކޯހެއް 27 ސިފައިން ފުރިހަމަކޮށްފިއެވެ.

ބޭސިކް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ކޯސްގެ ނަމުގައި ދިވެހި ސަފައިންނަށް ހިންގާފައިވާ މި ކޯހަކީ ދިވެހި އަސްކަރިއްޔާއާއި ސްރީލަންކާގެ އަސްކަރިއްޔާއާ ގުޅިގެން ހިންގި ކޯހެކެވެ. ކޯސް ހިންގާފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސަދަން އޭރިއާ ކޮމާންޑުގައެވެ. މިއީ މިދިޔަ މާރޗް މަހުގެ 24އިން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހިންގާފައިވާ ކޯހެކެވެ. މިއީ މިފަދަ 3 ވަނަ ކޯހެވެ.

އީއޯޑީ ކޯސް ފުރިހަމަކުރި ސިފައިންނަށް އީއޯޑީ ބެޖު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ބެޖު ޙަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޖަމްޝާދެވެ.

މި ރަސްމިއްޔާތުގައި ކޯހުން ވަނަތަކަށް ހޮވިފައިވާ ސިފައިންވެސް ވަނީ ހޮވާފައެވެ. އެގޮތުން ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ، ލާންސް ކޯޕްރަލް މުޙައްމަދު ސާވިންއެވެ. އަދި ދެވަނަ ލިބިފައިވަނީ ޕްރައިވެޓް ފާތިމަތު ޝަހުދާ އަބޫބަކުރަށެވެ. 3 ވަނަ ލިބުނީ ސްޓާފް ސާޖަންޓް މުޙައްމަދު ރަފީޤަށެވެ.

އީއޯޑީ ލެވެލް 2 ކޯހަކީ ކޮންވެންޝަނަލް މިއުނިޝަން ޑިސްޕޯސަލްއާއި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި ނުރައްކާތެރި ހަޒާޑަސް އެއްޗެހި ރައްކާތެރިގޮތުގައި ނައްތާލުމާއި ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އުނގަންނައިދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

މި ކޯހުގައި ކިޔަވައިދީފައިވާ ދާއިރާތަކުގެ ތެރޭގައި ނުރައްކާތެރި ގޮވާ އެއްޗިއްސާއި ނުރައްކާތެރި ބޫބީ ޓްރެޕްސްތަކާއި އާމްސް އެންޑް އެމިއުނިޝަނާއި ގޮވާ އެއްޗިހި ޑިސްޕޯސަލްކުރުމާއި ނުރައްކާތެރި އެއްޗިހި ހޯދާނެ އެކި އުކުޅުތަކުގެ އިތުރުން ތަފާތު ނުރައްކާތެރި ގޮވާ އެއްޗެހި ރައްކާތެރިގޮތުގައި ގެންގުޅޭނެ ގޮތްތަކާ ގުޅުންހުރި ޢިލްމުތައް ހިމެނެއެވެ.