ޚަބަރު

ކުށްކުރާ ކުދިން ބައިތިއްބަން ހަދާ "ހޯޕް އައިލެންޑް" ގެ މަސައްކަތް ފަށައިފި


  • މިހާރު ކުރަމުންދަނީ ހޯޕް އައިލެންޑްގެ ޕްލޭނިންގެ މަސައްކަތް

  • ހޯޕް އައިލެންޑްގައި ކުދިންނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގުރާމުތައް ހިންގޭނެ

ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ގެ މަސައްކަތް ފަށައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ހޯޕް އައިލެންޑް ހެދުމަށްޓަކައި މިހާރު ކުރަމުންދަނީ އެތަނުގެ ޕްލޭނިންގެ މަސައްކަތް ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ރަށުގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދެވޭނެ ކަމަށެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ކުށުގެ މާޙައުލުގައި މިވަގުތު އުޅެމުންދާ ކުދިންނަށް ރަނގަޅު މާޙައުލެއް ލިބި، އެކުދިންގެ ޙަޔާތަށް އައު އުންމީދެއް ލިބިދިނުން. އެގޮތުން އަޅުގަނޑުމެން މިރަށަށް ކިޔަން ނިންމާފައިވާ ނަމަކީވެސް ހޯޕް އައިލެންޑް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ޖިނާޢީ ކުށެއް ކޮށްގެން ކުޑަކުދިން ޒިންމާވާންޖެހޭ ޢުމުރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ވިދާޅުވެފައެވެ.

ޖިނާޢީ ކުށެއްގެ ޒިންމާ ކުޑަކުއްޖަކު މިހާރު ނަގަންޖެހޭ ޢުމުރަކީ 15 އަހަރެވެ. ނަމަވެސް ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރަންޖެހޭކަމަށް މީގެ ކުރިން ވަޒީރު ވިދާޅުވެފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، 12 އަހަރުގެ ކުޑަކުދިންވެސް ތަފާތު ބާވަތްތަކުގެ ކުށްތަކަށް އަރައިގަންނަމުން އަންނަ ކަމަށާއި، ކުށުގެ މާޙައުލުން އެކުދިން ދުރުކުރެވޭނީ އެކުދިންނަށްވެސް ޤާނޫނީ ގޮތުން ފިޔަވަޅު އެޅިގެން ކަމަށެވެ. މިގޮތުން ޖިނާޢީ ކުށެއް ކޮށްގެން ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއެކު މިހާރު ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަ ކުރެވުމާއެކު 12 އަހަރުގައި ކުށަށް އަރައިގަންނަ ކުދިންވެސް ރީހެބިލިޓޭޓްކުރުމަށް ހޯޕް އައިލެންޑަށް ގެންދެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާޙައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް ރީހެބިލިޓޭޝަން ފެސިލިޓީއެއް ޤާއިމްކުރުމަށް ނިންމާފައިވާކަން ދާޚިލީ ވަޒީރު އިޙްސާން ހާމަކުރައްވާފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. އޭރު ވަޒީރު ވިދާޅުވެފައިވަނީ ރީހެބިލިޓޭޝަން ފެސިލިޓީ އެޅުމަށް ވަކިން ރަށެއް ތަރައްޤީކުރައްވާނެ ކަމަށެވެ.