ޚަބަރު

ޗުއްޓީ ދުވަސްވަރު އިމިގްރޭޝަނަށް ބާރު ބޮޑު؛ ނިމުނު ހަފްތާގައިވެސް 2581 ޕާސްޕޯޓް


  • ޗުއްޓީ ދުވަސްވަރު ގިނަ ބަޔަކު ޕާސްޕޯޓް ހައްދަން ހުށަހަޅާ

މިދިޔަ ހަފްތާގައި 2500 އަށްވުރެ ގިނަ މީހުންނަށް ޕާސްޕޯޓު ހަދާދީފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ ފާތިމަތު ލަޠީފާ ވިދާޅުވީ ސްކޫލް ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހޯދުމަށް އެދެމުންދާ ކަމަށެވެ. އެގޮތުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލް ޗުއްޓީ ފެށިފައިވާއިރު، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 2581 މީހަކަށް ޕާސްޕޯޓު ދޫކޮށްފައިވާކަމަށް ލާޠީފާ ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ދުރާލާ ރައްޔިތުން ޕާސްޕޯޓު ހެއްދުމަށް. އަދި ޕާސްޕޯޓު މުއްދަތު ހަމަވާން 6 މަސް ދުވަހަށް ވުމުން ވީހާވެސް އަވަހަކަށް އެކަން ކުރުމަށް އަޅުގަނޑު އެދެން." ލަޠީފާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހޯދުމަށް މިދުވަސްކޮޅު އެދެމުންދާއިރު މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ހެއްދުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެންބަރުމަހުން ފެށިގެން މާލެ ފިޔަވައި ދެން ހުރި ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.