ޚަބަރު

ކެފޭއެއްގައި ދުން ލީކުވެގެން އަނބުރައިގަތް 7 މީހަކަށް ފަރުވާ ދެނީ


  • އަނބުރައިގަނެގެން ފަރުވާ ދެނީ ބިދޭސީންތަކަކަށް

  • 6 މީހަކު އައިޖީއެމްއެޗުގައި، އެކަކު އޭޑީކޭގައި

ކެފޭއެއްގެ ބަދިގޭގެ ދުން ހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވުމުގެ ސަބަބުން އަނބުރައިގަނެގެން 7 ބިދޭސީއަކަށް ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބޮޑުރަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގޭގެ ދުން ހޮޅިން، ދުން ލީކުވުމުގެ ސަބަބުން 7 މީހަކު އަނބުރައިގަނެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ މިއަދު ފަތިހު 5:50 ކަންހާއިރުކަމަށެވެ. އަދި އޭގެތެރެއިން އެކަކަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭގައިކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މީހުންގެ ތެރޭގައި ހިމެނެނީ ސްރީލަންކާއާއި އިންޑީއާއަށް ނިސްބަތްވާ މީހަކާއި ބަންގްލަދޭޝްގެ 2 މީހުންގެ އިތުރުން ނޭޕާލްގެ 3 މީހުން ކަމަށެވެ. އަދި މި މީހުންގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން، ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.