ޚަބަރު

ބީއެމްއެލް ކާޑު މެޝިންތަކުން ވީޗެޓް ޕޭ މެދުވެރިކޮށް މިހާރު ފައިސާދެއްކޭނެ


  • ޗައިނާގެ މަގްބޫލު މިއެޕުން ކިއުއާރު ޕޭމަންޓްތައް މެދުވެރިކޮށް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެ

  • މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވެއިޝިންގ ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖއްސައިފިއެވެ.

ބީއެމްއެލްއިން ބުނީ މި ހިދުމަތާއެކު ޗައިނާގެ މަގްބޫލު މިއެޕުން ކިއުއާރު ޕޭމަންޓްތައް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެކަމަށެވެ. މީގެކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

ބޭންކުގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މި ހިދުމަތް ފަށާފައި މިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީފްރީގައި ހިމެނޭ ވިޔަފާރިތަކުންކަމަށެވެ.

"ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީޗެޓް ޕޭ ބަލައިގަނޭވޭ ގޮތަށް ހަމަޖެހިގެން ދިޔުމާއެކު، ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ 1 ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ދިވެހި ރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށްވެސް ފައިސާދެއްކޭނެ ގޮތް މިވަނީ ފަހިވެފައި. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން. މިގެނެވުނު ބަދަލާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުން އިހްތިޔާރުކުރާ ގޮތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެގޮތް މިވަނީ ހަމަޖެހިގެންގޮސްފައި." ނިމާލު ވިދާޅުވިއެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި މަރޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.

އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަރކާޑް، ޔޫނިއަން ޕޭ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ އިތުރުން ބީއެމްއެލް ޕޭ، އަލީ ޕޭ، އެޕަލް ޕޭ، އަދި ގޫގުލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ފައިސާ ބަލައިގަނޭވޭ ހިދުމަތް ބީއެމްއެލްއިން ދަނީ ފޯރުކޮށްދެމުންނެވެ.

ޕީއޯއެސް ޓަރމިނަލްގެ އިތުރުން ބޭންކުގެ މަރޗަންޓް ޕޯޓަލް އަދި އެމްޕޮސް އެޕް މެދުވެރިކޮށް މަރޗަންޓުންނަށް އޮންލައިންކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ފައިސާ ބަލައިގަނެވޭނެކަމަށް އެ ބޭންކުން ހާމަކުރެއެވެ. އަދި މި ހިދުމަތް ބޭނުންކޮށްގެން ޕޭމަންޓް ރިކުއެސްޓް ފޮނުވާ، ފައިސާގެ މުއާމަލާތް ޗެކްކުރުމާއި އޮންލައިން ސްޓޯރތައް މެނޭޖްކުރެވޭނެކަމަށްވެސް އެ ބޭންކުން ބުނެއެވެ.

ވީޗެޓް ޕޭ ބީއެމްއެލްގެ ޕީއޯއެސް ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖއްސުމާ ގުޅިގެން އެ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި މިކަމަށް ޝުކުރު އަދާކޮށް ވަޒީރު ވަނީ މިއީ ރާއްޖެއަށް ފަތުރުވެރިންނާއި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަން ފާހަގަކުރައްވާފައެވެ.