ޚަބަރު

އަޟްޙާ ޢީދު ފާހަގަކުރަން 26 ރަށަކުން ޕްރޮޕޯސަލް


  • 3 ރަށެއް އީދު ފާހަގަކުރަން ކަނޑައަޅާނެ

  • ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ 3 ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދިވެހިބަހާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެކަމަށް ހުޅުވާލި ފުރުސަތު ހުކުރުދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު 26 ރަށަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއްވައެވެ. އަދި މިހާރު ކުރިއަށްދަނީ ޢީދު ފާހަގަކުރާނެ 3 ރަށް ކަނޑައެޅުމުގެ މަސައްކަތްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހިބަހާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ޢީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްރަށުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރުން 7 ރަށް، މެދުރާއްޖެ ތެރެއިން 10 ރަށުގެ އިތުރުން ރާއްޖޭގެ ދެކުނުން 9 ރަށެވެ.

ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި އެކަމަށް ހިނގާނެ ޚަރަދުތަކާއި އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ކަމަށެވެ.

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް ޚާއްޞަ ކޮމިޓީއެއް ދިވެހިބަހާ ބެހޭ ވުޒާރާއިން ވަނީ އެކުލަވާލައިފައެވެ. އަދި މާކްސް ދިނުމުގެ ކަންކަން ނިންމާ ޢީދު ފާހަގަކުރުމަށް ކަނޑައެޅޭ ރަށްތައް ކުރިއަށް އޮތް ހަފްތާގައި އިޢުލާނުކުރައްވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ އަންނަމަހުގެ 17 ވަނަ ދުވަހެވެ.