ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް އައްޑޫއާއި ފުވައްމުލަކަށް އޮރެންޖު ސަމާލު!


  • ބައެއް ސަރަހައްދުތަކަށް ރީނދޫ އަދި ހުދު ސަމާލުވެސް ވަނީ ނެރެފައި

ދެކުނުގެ ބައެއް ސަރަހައްދުތަކަށް ވައިގަދަވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން އޮރެންޖު ސަމާލު ނެރުއްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އެލާޓް ލެވަލް 3 ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނީ ފުވައްމުލަށް ސިޓީއިން ފެށިގެން އައްޑޫ ސިޓީއަށް މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 7:00 އަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އޮރެންޖު ސަމާލު ނެރުނު ސަރަހައްދަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އޮރެންޖު ސަމާލުގެ އިތުރުން ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައިވާ ރަށްތަކަށް ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. ހަވީރު 5:30އާ ހަމައަށް ނެރެފައިވާ އެލާޓްގައިވާ ގޮތުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކާއި ބުރިޖު ހައިވޭގައި ދަތުރުކުރައްވާއިރު، މޫސުމަށް ސަމާލުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.