ޚަބަރު

ޙައްޖުގެ ތައްޔާރީތައް ވަނީ ފުރިހަމަކޮށްފައި، ފުރަތަމަ ފްލައިޓް މިމަހު 31ގައި


  • ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާ

  • 50 ކޯޓާ ދޭން ނިންމާފައިވަނީ ފަގީރުންނަށް

  • ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައި

މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމްތަކާ ތައްޔާރީތައް ފުރިހަމަކޮށްފައިވާކަމަށާއި ފުރަތަމަ ފްލައިޓް އަންނަ ހަފްތާ ތެރޭގައި ފުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޙައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މަސައްކަތްކުރާ އިސްފަރާތްތަކާއި އިދާރާތަކާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

ވަޒީރު ޑރ.ޝަހީމް ވިދާޅުވީ ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް މިމަހުގެ 31ވާ ހުކުރު ދުވަހު ސަޢުދީ އަރަބިއްޔާއަށް ފުރާނެކަމަށެވެ. ޑރ.ޝަހީމް ވިދާޅުވީ ރާއްޖެއިން ޙައްޖަށްދާ މީހުންނަށް ބޭނުންވާ ޚިދުމަތް ދިނުމަށް ފުރިހަމަކުރަންޖެހޭ ކަންކަމާއި ތައްޔާރީތައް، ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކޮށް ނިންމާފައިވާކަމަށެވެ.

ޙައްޖުގެ އަޅުކަމަށް ދާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ހަރުދަނާކުރުމަށް، ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ސަރުކާރުގެ ކުންފުނި، ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އާއްމު އުސޫލުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބެނީ 1000 ޙައްޖު ކޯޓާއެވެ.

މީގެތެރެއިން 50 ކޯޓާ، ކަނޑައަޅާފައިވަނީ ސަރުކާރުގެ ޚަރަދުގައި ނިކަމެތިންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމަށެވެ. އެ ފުރުޞަތު ލިބޭ މީހުންވެސް މިހާރު ވަނީ ހޮވާފައެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ ޖޫންމަހުގެ 15 ވަނަ ދުވަހެވެ.

ރާއްޖެއިން ޙައްޖުގެ އަޅުކަމަށް މީހުން ގެންދިއުމުގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ޖެނުއަރީމަހު ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ތެރެއިންނެވެ.

ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ޢަދަދު އިތުރުކުރުމަށް، ސަރުކާރުންދަނީ ސަޢުދީއާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަމުންނެވެ.