ޚަބަރު

މަސް ޕްރޮސެސްކުރުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ އަމާޒެއް: ޝިޔާމް


  • ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރާ ޤައުމެއް

  • މަސްވެރިކަމުގެ ސިނާޢަތުން ތިމާވެށްޓަށްކުރާ އަސަރު ކުޑަ ކުރަންޖެހޭކަމަށް ވިދާޅުވި

  • މުސްތަޤުބަލުގައި ސަރުކާރުން އަޅާ 3 މަސް ކާރުޚާނާގައި ބޭނުންކުރަނީ އިޢާދަކުރަނިވި ހަކަތަ

ރާއްޖޭގައި މަސް ޕްރޮސެސްކުރުމުގެ މަސައްކަތުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުމަހުގެ އިންޑަސްޓްރީގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސް "އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް" ހުޅުވުމަށް ބޭއްވި ސެޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގައި އަހަރަކު 1 ލައްކަ ކަޅުބިލަމަސް ބާނާ ކަމަށާއި އޭގެ ތެރެއިން 60 އިންސައްތަ ރޯމަހުގެ ގޮތުގައި ބޭރުކުރާ ކަމަށެވެ. އެހެންނަމަވެސް ބޭނުންވަނީ ރާއްޖެއަކީ ރޯ މަސް ބޭރުކުރާ ޤައުމެއްގެ ބަދަލުގައި މަސް ޕްރޮސަސްކުރުމަށްފަހު އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މަހުގެ އުފެއްދުންތައް ސިންދަފާތުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރެވޭ ބޭރުގެ ބާޒާރުތައް އިތުރުކޮށް ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކުރާ ޤައުމެއް ކަމަށެވެ. އަދި އެއާ އެއްގޮތަށް ތިމާވެށްޓާ ރައްޓެހި ސިނާޢަތަކަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ހަދަން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ޙާސިލްކުރުމަށް އައު ކަންކަން މަސްވެރިކަމުގެ ސިނާޢަތަށް ތަޢާރަފް ކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ތިމާވެށްޓަށްކުރާ އަސަރު ކުޑަކުރުމަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމުގެ ގޮތުން މަސްވެރިކަމުގެ ސިނާޢަތުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރަން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އަމާޒަކީ މި 5 އަހަރު ނިމެންވާއިރަށް މަސް ޕްރޮސެސްކުރާ ފެސިލިޓީތަކުގައި ބޭނުންކުރާ ހަކަތައިގެ 35 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުންކަމަށެވެ.

"މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ މަސްވެރިކަމުގެ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވޭ. އެގޮތުން އެކި ތަންތަނަށް މަސްތައް ހިޖުރަކޮށް މަހުގެ ސްޓޮކު އިތުރުވުން މަޑު ޖެހޭ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑު މަސް ނުބޭނި މަސްވެރިކަމަށް ބަރޯއްސާވެގެން ދިރިއުޅޭ ފަރާތްތަކަށް މީގެ އަސަރުކުރޭ. ވީމާ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާވެތިބުމަށް ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅަންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މިހާރު ފައްޓަވާފައެވެ. އެގޮތުން ޅ. ފެލިވަރުގައި މިހާރު ހުރި މަސް ބަންދުކުރާ ފެސިލިޓީ އަޕްގްރޭޑް ކުރާއިރު އިތުރުކުރެވޭ ބައިގައި ބޭނުންކުރަން ހަމަޖެހިފައިވަނީ އިޢާދަކުރަނިވި ހަކަތައެވެ. އަދި ސަރުކާރުން އަލަށް ޤާއިމްކުރަން ނިންމާފައިވާ މަސް ބަންދުކުރާ ދެ ފެސިލިޓީގައިވެސް ބޭނުންކުރަން ހަމަޖެހިފައިވަނީ އިޢާދަކުރަނިވި ހަކަތައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ މި ފަސް އަހަރު ނިމިގެންދާއިރު، ރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 އިންސައްތައަށް އިތުރުކުރައްވާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން 160 ރަށެއްގައި އިޢާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމު ޤާއިމްކުރައްވާނެ ކަމަށް ސަރުކާރުން ވަނީ އިޢުލާނު ކުރައްވާފައެވެ.