ޚަބަރު

އަންނަ މަހު 3 ބައި-އިލެކްޝަނެއް ބާއްވަނީ


  • އަންނަމަހު 15 ގައި ކުޑަހުވަދޫއާއި ގަމާއި މުލަކު ކައުންސިލް ބައި-އިލެކްޝަން

ކުރިއަށް އޮތް ޖޫން މަހު، 3 ބައި-އިލެކްޝަނެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އަންނަ މަހު ދެ ތާރީޚެއްގައި ބައި-އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމިއެވެ. އެއީ އަންނަ މަހުގެ 8 ވަނަ ދުވަހާއި 15 ވަނަ ދުވަހެވެ. ނަމަވެސް 8 ވަނަ ދުވަހު އޮތް ބައި-އިލެކްޝަންގައި ކުރިމަތިލާން ހުޅުވާލި މުއްދަތުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ އޭނާ ވަނީ އިންތިޚާބަކާ ނުލާ ހޮވިފައެވެ. އެއީ ށ. ފުނަދޫ ކައުންސިލުން ހުސްވި އަންހެން މެންބަރުގެ ގޮނޑިއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު 3 ބައި-އިލެކްޝަނެއް އޮންނާނެއެވެ. އެއީ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސާއި ލ. ގަމު ކައުންސިލްގެ މެންބަރާއި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ. މި ބައި-އިލެކްޝަންގެ ރީ-ރަޖިސްޓްރޭޝަން ފޯމްތައް ޕްރޮސެސްކޮށް ނިންމައި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމުކުރާނީ އަންނަ މަހު 9 ވަނަ ދުވަހުއެވެ.

އަންނަ މަހު 3 ބައި-އިލެކްޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހިނގާ މެއި މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަނީ 6 ބައި-އިލެކްޝަނެއް ބާއްވާފައެވެ.