ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީ ވިއްކައި ފައިސާ ޖަމާކުރާނީ ރާއްޖޭގެ ބޭންކުތަކަށް


  • ދުބާޢީގައި ފައިސާ ބަހައްޓަން ބޭނުންނުވާ ކަމަށް ވިދާޅުވި

  • ރަސްމާލޭގައި ޕްރޮޕަޓީ ތަރައްޤީކުރަނީ ސެކަންޑް ހޯމް ވިސްނުމަށް

ރަސްމާލެ ތަރައްޤީކޮށް އެތަނުގައި ހަދާ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ފައިސާ ހުންނަންޖެހޭނީ ރާއްޖޭގައިކަމަށް ގަބޫލުކުރައްވާކަމަށް އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްތީގަތުމުގައި އޭނާ ވަނީ ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތައް ހައްލުކުރުމުގައި ރަސްމާލެ މެރީނާ މަޝްރުޢޫގެ ދައުރާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވަނީ މިމަޝްރޫޢުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަކީ ދިވެހިންނަށް ފައިދާވާނެހެން ކުރެވޭ މަސައްކަތް ކަމަށް ވިދާޅުވެފައެވެ. ރާއްޖެއަށް ދިމާވެފައިވާ ބޭރުފައިސާގެ ދަތިކަމަށް މިފަދަ މަޝްރޫޢުއެއްގެ ތެރެއިން ފައިދާވާނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މިމަޝްރޫޢު ހިންގުމުގައި އޭނާގެ ވިސްނުމަކީ ވިޔަފާރިކުރުމުގެ އިތުރަށް ފައިދާ ހޯދުން ކަމަށެވެ.

އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ އަލައްބާރު ވިދާޅުވީ މިމަޝްރުޢޫ ހިންގުމަކީ އޭނާ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އޭގެ ބަދަލުގައި އޭނާ ވިސްނީ ލިބިފައިވާ ތަނަވަސްކަމުގެ ބޭނުން ހިފައި ހެޔޮ ކަމެއް ކޮށްދިނުމަށެވެ.

"ކޮޓަރިތައް ނުވަތަ ހޮޓަލް އެޕާޓްމަންޓްތައް ވިއްކައިގެން ލިބޭ ފައިސާ ޤައުމަށް އެތެރެވާނެ. ބޭނުންވަނީ އެ ފައިސާ ގެންގޮސް ދުބައިގައި ބަހައްޓަންތަ؟ އަޅުގަނޑު ދެކޭގޮތުގައި އެ ފައިސާ ބަހައްޓަންވާނީ މި ޤައުމުގައި. އެއީ ވަރަށް އާދައިގެ ކަމެއް ގަންނާނެ މީހުން ތިބޭނެ. އިޚްލާޞްތެރިކަމާއެކު އެކަން ކުރަންވީ. އަދި އަޅުގަނޑު ޙަޤީޤަތުގައިވެސް ޤަބޫލުކުރަނީ، އޭގެއިން ލިބޭ ފައިދާއިން ފުދޭވަރަކަށް ފައިސާ ހޯދޭނެކަމަށް. އަދި އެ ފައިސާ ރާއްޖޭގެ ބޭންކުތަކުގައި ބެހެއްޓުމުގެ ފުރުޞަތު ދޭންޖެހޭނެ ކަމަށް" އަލްއައްބާރު ވިދާޅުވިއެވެ.

ރަސްމާލެ ވޯޓަރ ފްރަންޓް އެންޑް މެރީނާ މަޝްރޫޢުގެ ތެރެއިން އީގަލް ހިލްސްއިން ތަރައްޤީ ކުރާ ގެތަކަކީ "ދެވަނަ ގެ" ކޮންސެޕްޓަށް ތަރައްޤީ ކުރާ ގެތަކެވެ. މި ގެތަކުގެ އިތުރަށް އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމް ކުރާނެއެވެ.

މިތަނުގައި ތަރައްޤީ ކުރާ ގެއެއް ފުރަތަމަ ފަހަރަށް ވިއްކާއިރުވެސް، އަދި އޭގެ ފަހުން މިލްކުވެރިކަން ބަދަލުކުރާ ކޮންމެ ފަހަރަކުވެސް ޕްރޮޕަޓީގެ އަގުގެ %4 ދައުލަތަށް ލިބޭނެއެވެ. ކޮންމެ ވިއްކުމެއް އަދި ބަދަލުކުރުމެއްވެސް ކުރިއަށްދާނީ ސަރުކާރުގެ ހުއްދައާއެކުގައެވެ. މިއީ ދައުލަތަށް ދާއިމީގޮތެއްގައި އާމްދަނީ ކަށަވަރުވެގެންދާނެ ނިޒާމެކެވެ. ދިވެހި ސަރުކާރުން ވަނީ މި މަރުހަލާގެ ތެރެއިން ޔަހޫދީންގެ އަދި ޤައުމަށް ނިސްބަތްވާ ވިޔަފާރިތަކަށް އެއްވެސް މުޢަމަލާތެއްގައި ބައިވެރި ނުވެވޭނެކަން ކަށަވަރުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ވިދާޅުވީ މިމަޝްރޫޢުގެ ގެތައް ގަންނަ ފަރާތްތަކަށް ރެސިޑެންސީ ލިބޭނީ މިހާރުވެސް އޮތް ކޯޕަރޭޓް ރެސިޑެންސް ވިސާގެ ދަށުންކަމަށެވެ. މި ސަރުކާރުގެ ދަށުން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ އުސޫލާއި، ގައުމަށް ބަލައި ސްކްރީންކުރުމުގެ އުސޫލު ހިނގާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ

ކުލީގެ އެއްބަސްވުމެއްގެ ދަށުން ބިން ލިބޭނީ ހަމައެކަނި ހުއްދަދެވޭ ފަރާތްތަކަށް ކަމަށާ އެއްވެސް ފަރާތަކަށް ދާއިމީކޮށް (ފްރީހޯލްޑް) ބިން މިލްކުކުރުމުގެ ނުވަތަ ބޭނުންހާ އިރަކު ކުލީގެ މުއްދަތު އައުކުރުމުގެ އިޚުތިޔާރެއް ނޯންނާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.