ޚަބަރު

ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް 3 ފުލުހަކަށް


  • ގަދަ ކަނޑުގައި ފުލުހުން ވަނީ 8 މީހުންގެ ފުރާނަ ސަލާމަތްކޮށްފައި

  • ހާދިސާ ހިނގީ މިދިޔަ ޖުލައި މަހުގެ 31ވަނަ ދުވަހު

ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް "ހޯކްސް ވޮޔޭޖް" ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ކަނޑުވި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި 3 ފުލުހަކަށް ފުރާނަ ސަލާމަތް ކުރުމުގެ ރަން މެޑަލް އަރުވައިފިއެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް އަރުވާފައިވަނީ ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245) އާއި ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279) އަދި ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852) އަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ކޮޅުވެއްޓި ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ކަނޑުވިއެވެ. ގަދަ ކަނޑުގައި އެ މީހުން ސަލާމަތްކުރުމަށް ފުލުހުންގެ 3 އޮފިސަރުން ކުރެއްވި ހިތްވަރުގަދަ މަސައްކަތުން، ކަނޑުވި މީހުންގެ ތެރެއިން 8 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އޮފިސަރުންނަށް މެޑަލް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ހިތްވަރާއި، އިހުލާސްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އޮފިސަރުން ދެއްކެވި ހިތްވަރަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ފުރާނަ ސަލާމަތްކުރުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދޭ އަހައްމިއްޔަތު ތަކުރާރުކުރައްވައި، ވާޖިބު އަދާކުރުމުގައި ނަމޫނާ ހިތްވަރާއި އިޚްލާޞްތެރިކަން ސާބިތުކޮށްދޭ އޮފިސަރުންގެ އަގުވަޒަންކުރުމަކީ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.