ޚަބަރު

ކޮންމެ އަތޮޅެއްގެ ކަންކަން ވިލަރެސްކޮށް ބަލަހައްޓާނެ މީހުން ކަނޑައަޅައިފި


  • ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކާ ވީހާވެސް ގައިތުން މަސައްކަތްކުރުން

  • އަތޮޅުތަކަށް މީހުން ކަނޑައެޅުމާއެކު މައްސަލަތަކަށް އަވަސް ހައްލު ލިބޭނެ

ކައުންސިލްތަކާ ގާތުން މަސައްކަތްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކޮންމެ އަތޮޅެއްގެ ކަންކަން ވިލަރެސްކޮށް ބަލަހައްޓާނެ މީހުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސަކައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.

މިވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ކައުންސިލްތަކާ ވަރަށް ގާތުން މަސައްކަތް ކޮށްފައެވެ. އެގޮތުން ރަށްރަށަށް ވަޑައިގެން 160 ކައުންސިލަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުކުރައްވާފައިވެއެވެ. މީގެ އިތުރަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުވެސް ވަނީ ރަށްތަކަކަށް ޒިޔާރަތްކުރައްވާ ކައުންސިލްތަކާ ބައްދަލުކޮށް ލާމަރުކާޒީ ނިޒާމާ ގުޅޭގޮތުން ދެ ރަށެއްގައި މަހާސިންތާވެސް ބާއްވަވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސިޓީތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފައްކާކުރުމަށް ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކާ ވީހާވެސް ގާތުން މަސައްކަތްކުރުން ކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކަންކަން ބެލެހެއްޓުމަށް ޒިންމާދާރު މީހަކު އެ ވުޒާރާއިން މިހާރު ކަނޑައަޅުއްވާފައިވާކަމަށް ފަތުހީ ވިދާޅުވިއެވެ. އެ އަތޮޅަކަށް ކަނޑައަޅާފައި ހުންނަ މީހުން އެ އަތޮޅުގެ ކަންކަން ވިލަރެސްކޮށް މޮނިޓަރކުރާނެކަމަށްވެސް ފަތުހީ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކޮންމެ އަތޮޅަކަށް މީހަކު ކަނޑައެޅުމުގެ އިތުރުން ބައެއް އަތޮޅުތައް އެއްކޮށްލައިގެން ސަރަހައްދަކަށް ސްޓޭޓް މިނިސްޓަރަކުވެސް ކަނޑައަޅާފައިވާ ކަމަށެވެ. މިގޮތަށް އަތޮޅުތަކަށް ސްޓޭޓް މިނިސްޓަރުންނާއި ޒިންމާދާރު މީހުން ކަނޑައެޅުމާއެކު ކައުންސިލްތަކާ ވީހާވެސް ގާތުން މަސައްކަތްކުރެވި، ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯދައިދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލްތަކާއެކު ބޭއްވި ބައްދަލުވުންތަކުން ފާހަގަކުރެވުނީ އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް ވަރަށް ގިނަ ކަންކަން ކައުންސިލްތަކަށް ބޭނުންވާކަން. އަދި ރައްޔިތުންނަށް އިޖުތިމާޢީ ކުރިއެރުން ގެނައުމަށް ވަރަށް ގިނަ ކަންކަން ކޮށްދެންޖެހޭ." މޫސާ ފަތުޙީ އާދަމް ވިދާޅުވިއެވެ.

ސިޓީތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވިދާޅުވީ، ކުރީގައި ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިނގަމުން އައި ގޮތާއި މިހާރު ހިނގަމުން އަންނަ ގޮތް ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ކައުންސިލްތަކާ ވަރަށް ގާތުން ދައުލަތުން މަސައްކަތްކޮށް ލާމަރުކަޒީ ނިޒާމުގެ އެންމެ ފޮނި މީރުކަން ކުރިއަށް އޮތްތަނުގައި ޙާސިލްވާނެކަމަށްވެސް ވިދާޅުވިއެވެ.