ޚަބަރު

ޖަމްޢިއްޔާތަކުގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށަނީ


  • މަހާސިންތާ އޮންނާނީ މިމަހުގެ 25އިން 27އަށް

  • މަހާސިންތާއިން ޖަމްޢިއްޔާތައް ހިންގުމުގައިހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެވޭނެ

  • 6 ފަރާތަކުން ތަފާތު މަޢުޟޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ހަމަޖެހިފައިވޭ

ޖަމްޢިއްޔާތަކުގެ މަހާސިންތާ މިމަހުގެ 25އިން 27އަށް ގއ. ވިލިގިލީގައި ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ބާއްވަން ނިންމާފައިވަނީ މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައިހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމަޢެއް ބިނާކުރުމަށް ކަމަށެވެ. އަދި ޖަމްޢިއްޔާތަކަށް ފަހި ވެއްޓެއް ހޯދައިދެވޭނެ ގޮތްތައް ދެނެގަތުމަކީވެސް މަހާސިންތާ ބޭއްވުމުގެ ބޭނުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިމަހާސިންތާގައި ޤައުމީ ކުރިއެރުމަށާއި މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގައި ޖަމްޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރެވޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޖަމްޢިއްޔާތަކުގެ މަހާސިންތާގައި މަދަނީ ޖަމްޢިއްޔާތަކާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޢާއިލީ އަދި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުން ޚިދުމަތުގެ ގއ އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުން މަހާސިންތާގައި ބައިވެރިވާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 60 ބައިވެރިންނާއެކުއެވެ. އަދި މަހާސިންތާގައި 6 ފަރާތަކުން ތަފާތު މަޢުޟޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ހަމަޖެހިފައިވެއެވެ.