ޚަބަރު

ގިނަ ޙަރަކާތްތަކަކާއެކު މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ


  • މިނިވަން ދުވަހުގެ ހަރަކާތްތައް ހަފްތާއެއް ވަންދެން ކުރިއަށްދާނެ

  • މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތުގެ ޚިދުމަތްތެރީންނަށް އިނާމް ދޭނެ

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިވެހިބަހާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހީމް ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތައް ހަފްތާއެއް ވަންދެން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ހަރަކާތްތައް ކުރިއަށްދާނީ ޖުލައި މަހުގެ 24އިން 31އަށް ކަމަށް އާތިކާ ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބާއްވާ ޚާއްސަ ރިސެޕްޝަނަކާއި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. މި ޖަލްސާގައި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޚިދުމަތްތެރިންނަށް އިނާމް ދިނުން އޮންނާނެކަމަށް އާތިކާ ވިދާޅުވިއެވެ.

މިނިވަން ދުވަސް ފާހަގަކުރަން ބާއްވާ ހަރަކާތްތައް:

• ޤައުމީ ބޮޑު ދިދަ ނެގުމުގެ ޚާއްސަ ހަފްލާ
• މަޒުމޫނު ލިޔުމުގެ މުބާރާތް
• ކުރެހުމުގެ މުބާރާތް
• ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް
• އެމްއެންޑީއެފްއިން ކުރިއަށްގެންދާ އަސްކަރީ ޕެރޭޑުތައް
• މައިދާނީ ހަރަކާތްތައް
• ދިވެހިބަހާ ބެހޭ ވުޒާރާއިން ޑޮކިޔު ޑްރާމާއެއް ނެރޭނެ
• މިނިަވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދުވުމެއް
• ފަންނާނުންގެ ސްޓޭޖް ޝޯއެއް
• ފިޔަވަތީގެ ކުދިންނަށް ޚާއްސަކޮށް ހަވީރެއް
• އިސްރަށްވެހިންނަށް ޚާއްސަކޮށް ހަވީރެއް
• ފިލްމް ފެސްޓިވަލެއް
• ދިވެހިން އެންމެ ގިނަ ޤައުމުތަކުގައި ހަރަކާތްތަކެއް
• މިނިވަން ކާނިވަލެއް (ޑްރޯން ޝޯއަކާއި ހަވާ އެރުވުމާއެކު)
• ސަގާފީ ޝޯއެއް
• ފުޑް ފެސްޓިވަލެއް
• މިނިވަން ދުވަހާ ގުޅުވައިގެން ސޭލެއް

ދިވެހިރާއްޖޭގެ މިނިވަން ދުވަސް، ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ 1965 ވަނަ އަހަރު، 1887 ވަނަ އަހަރުން ފެށިގެން އިނގިރޭސި ސަރުކާރުގެ އަޅުވެތިކަމުގައި ރާއްޖެ އޮތް އޮތުމަށް ނިމުން ގެނެސް، މިނިވަންކަމުގެ އެގްރީމެންޓުގައި އޭރުގެ ބޮޑު ވަޒީރު ރައީސް އިބްރާހީމް ނާޞިރު ސޮއިކުރައްވާ ދިވެހި ޤައުމަށް މިނިވަންކަން ހޯއްދަވައިދެއްވި ދުވަހާ ގުޅުވައިގެންނެވެ. އެއީ އެއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

މިގޮތުން މިއަހަރު ފާހަގަކުރާނީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހެވެ.