ޚަބަރު

ޕޭޕެލްގެ ޚިދުމަތް ފުރިހަމަށް ލިބޭނެގޮތް ހެދުމަށް އެމެރިކާއާއެކު މަޝްވަރާތަކެއް


  • ޕޭޕެލްގެ އިތުރުން އެޕަލް ޕޭއާއި ގޫގުލް ޕޭގެ ޚިދުމަތާ ގުޅޭގޮތުން މަޝްވަރާކުރާނެ

  • ޗައިނާގެ އީ-ވޮލެޓެއް ކަމުގައިވާ ވީ-ޗެޓުގެ ޚިދުމަތް މިހާރު ރާއްޖެއަށް ލިބޭ

ދިވެހިރާއްޖެއަށް ޕޭޕެލްގެ ޚިދުމަތް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ގެނައުމަށް އަންނަ ޖުލައި މަހުގެ ތެރޭގައި އެމެރިކާ ސަރުކާރާއެކު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕޭޕެލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. މި އެޕްލިކޭޝަން ދިވެހިރާއްޖޭގައި ވަރަށް ގިނަ ފަރާތްތަކުން ބޭނުންކުރެއެވެ. ނަމަވެސް ރާއްޖޭގައި ޕޭޕެލް މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ބޭރުގެ ފަރާތަކަށް ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް ޕޭޕެލް މެދުވެރިކޮށް ފައިސާ ލިބިގަނެވޭނެ ނުވަތަ ރީސީވްވާނެ ގޮތެއް ނޯވެއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ދިވެހިންނަށް އޮންލައިން ޕޭމަންޓު ސިސްޓަމްތައް ނުވަތަ އީ-ވޮލެޓުތައް މެދުވެރިކޮށް މާލީ މުޢާމަލާތްތައް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ. މިހެންވެ ތަފާތު އީ-ވޮލެޓުތައް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު އެމެރިކާއަށް ދަތުރެއްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި ދަތުރުގައި އެމެރިކާގެ އީ-ވޮލެޓުތައް ހިންގާ ކުންފުނިތަކާއެކު ރާއްޖެއަށް އެ ޤައުމުގެ އީ-ވޮލެޓުތައް ތަޢާރަފްކޮށް ބޭނުންކުރުމުގައި ހުރި ދަތިތައް ހައްލުކުރަން މަޝްވަރާކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު މި މަޝްވަރާތަކުގެ ތެރެއިން ޕޭޕެލްއާއި ގޫގުލް ޕޭގެ އިތުރުން އެޕަލް ޕޭ ފަދަ މުހިންމު އީ-ވޮލެޓުތަކުގެ ޚިދުމަތް ރާއްޖެއަށް ލިބި، އެ ޚިދުމަތްތައް ބޭނުންކުރުމުގައި ދިވެހިންނަށް ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާތައް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމެރިކާގެ އީ-ވޮލެޓުތަކުން އޮންލައިންކޮށް މާލީ މުޢާމަލާތްތައް ކުރުމުގައި ދިވެހިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދުމަށް މަޝްވަރާކުރެވޭނެކަމަށް ވެސް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"މިހާތަނަށް އައިރު އީ-ވޮލެޓުތައް ރާއްޖެއަށް ތަޢާރަފްނުވެ އޮތް ސަބަބެއްގެ ގޮތުގައި ކުންފުނިތަކުން ދައްކަނީ ރާއްޖޭގެ މާކެޓު ކުޑަވުމުގެ ވާހަކަ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ ކުލަބު ކޮށްގެން މިސާލަކަށް ސްރީލަންކާއާއި ރާއްޖެއާއި އިންޑިއާ ނުވަތަ އެހެން ޤައުމުތައް ކޮންބައިންކޮށްގެން އެއް ޗެނަލަކުން ޚިދުމަތްތައް ތަޢާރަފްކުރަން." ވަޒީރު ވިދާޅުވިއެވެ.

އެމެރިކާގެ އިތުރުން އެހެނިހެން ޤައުމުތަކުގެ އީ-ވޮލެޓުތައް ތަޢާރަފްކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ބޭރުގެ ޕްލެޓްފޯމުތަކުގައި ޑޮލަރުގެ މުޢާމަލާތްތަކާއި ޑިޖިޓަލް ވޮލެޓުގެ ޚިދުމަތް ލިބޭ ގޮތް ބީއެމްއެލްއިން ވަނީ މާރޗް މަހުގެ 31 ވަނަ ދުވަހު ހަދާފައެވެ. މި ދުވަހު ޚިދުމަތް ލިބޭ ގޮތް ހެދި އީ-ވޮލެޓުތަކުގެ ތެރޭގައި އޮންލައިންކޮށް ފައިސާގެ މުޢާމަލާތުތައް ކުރެވޭ ޗައިނާގެ މަޝްހޫރު އީ-ވޮލެޓެއްކަމަށްވާ ވީ-ޗެޓު ޕޭ ހިމެނެއެވެ. މީގެ ކުރިން މި ޚިދުމަތްތައް ބީއެމްއެލްއިން ބްލޮކު ކޮށްފައިވަނީ ކޯވިޑު 19ގެ ދުވަސްވަރު، ބޭރު ފައިސާ ރާއްޖެއިން ބޭރުވުން ހުއްޓުވުމަށެވެ.