ޚަބަރު

ބޮޑު ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރަނީ އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި


  • ފުރުޞަތު ހުޅުވާލުމުން 26 ރަށަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފަ

  • ރަށްތައް ކަނޑައެޅުމުގައި ބެލީ ހިންގާނެ ޚަރަދުތަކާއި އެރަށަކުން ކޮށްދޭނެ ކަންތައްތަކަށް

މިއަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރާ 3 ރަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.

ޢީދު ފާހަގަކުރަން ޝައުގުވެރިކަން ފާޅުކުރި ރަށްތަކުގެ ތެރެއިން ޕްރޮޕޯސަލްއަށް ބެލުމަށްފަހު އެ ވުޒާރާއިން ކަނޑައަޅާފައިވަނީ ރާއްޖޭގެ އުތުރާއި މެދުތެތެރޭގެ އިތުރުން ދެކުނު ސަރަހައްދު ހިމެނޭހެން ކޮންމެ ސަރަޙައްދަކުން އެއް ރަށުގައި ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރުމަށެވެ.

އެގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބެލުމަށްފަހު މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރަން ކަނޑައަޅާފައިވަނީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި މެދުތެރޭ އަތޮޅުތަކުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ކަމަށެވެ. ރަށްތައް ކަނޑައެޅުމުގައި ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި އެކަމަށް ހިންގާނެ ޚަރަދުތަކާއި އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ފުރުސަތު ހަމަވިއިރު 26 ވަނީ ރަށަކުން ޕްރޮޕޯސަލް ހުށަހެޅިކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް ޚާއްޞަ ކޮމިޓީއެއް ދިވެހިބަހާ ބެހޭ ވުޒާރާއިން ވަނީ އެކުލަވާލައިފައެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ އަންނަމަހުގެ 17 ވަނަ ދުވަހެވެ.