ޚަބަރު

އެގްރިކަލްޗަރ ޒޯންގައި ކުކުޅު ބިސް ޕޯލްޓްރީ ފާރމެއް ހަދަނީ


  • އެގްރިކަލްޗަރ ޒޯންގައި ދަނޑު ހައްދާނީ ދެ ފިޔަވައްސަކަށް ބަހައިލައިގެން

  • ފުރަތަމަ ފިޔަވަހީގައި ޕޯލްޓްރީ ފާރމެއް ޤާއިމްކުރާނެ

  • ދަނޑުހެއްދުމަށް މީހުން ތަމްރީންކުރުމުގެ ޕްރޮގުރާމްތައް ދަނީ ހިންގަމުން

އުތުރުތިލަފަޅުގައި ހަދާ ދަނޑުވެރިކަމަށް ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ކުކުޅު ބިސް އުފައްދާ ކާރުޚާނާ ނުވަތަ ޕޯލްޓްރީ ފާރމެއް ހެދުމަށް ނިންމާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ. އުތުރުތިލަފަޅުގައި ހަދާ މި ސަރަހައްދުގައި ދަނޑުވެރިކަން ކުރެވެން ފެށުމާއެކު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލްމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ ވިދާޅުވީ އުތުރުތިލަފަޅުން ދަނޑުވެރިކަމުގެ ސަރަހައްދުގެ ގޮތުގައި 200 ހެކްޓަރުގެ ބިމެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން މި ބިމުގައި ދަނޑުވެރިކަން ކުރަން ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހައިލައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. ފުރަތަމަ ފިޔަވައްސާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ މި ފިޔަވަހީގައި ދަނޑުވެރިކަންކުރާނީ 100 ހެކްޓަރުގެ ބިމެއްގައި ކަމަށެވެ.

"100 ހެކްޓަރުގެ ބިމުގައި ގްރީން ހައުސް އަޅައިގެން އަދި އޯޕަން އެއަރކޮށް ދަނޑުވެރިކަން ކުރެވޭނެ. ރައްޔިތުން އާންމުކޮށް ބޭނުންކުރާ ތަރުކާރީ މޭވާ ބާވަތްތައް ވަނީ ފާހަގަކުރެވިފައި. އޭގެ ލިސްޓެއް ހެދިފައި. މި އެއްޗެހި އިންދައިގެން ރައްޔިތުން ބޭނުންކުރާ ކާނާގެ މިންވަރަށް ބަލާފައި ހުސްނުވެ ހެއްދޭނެ އިންތިޒާމު އެތަނުގައި މަގުފަހިވާނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެގްރިކަލްޗަރ ޒޯންގައި ދަނޑުވެރިކަން ކުރާނެ މީހުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ވަޞީލަތްތައް ޓެސްޓްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެތަނުގައި ހެއްދޭ ކާބޯތަކެތި ސިންދަފާތުކުރުމަށް ވެލީގެ ދިރާސާތަކެއް ކުރަން ހަމަޖެހިފައިވާކަމަށްވެސް ދަނޑުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ރަމީލާ ވިދާޅުވީ ދަނޑުވެރިކަން ކުރުމުގެ ޚާއްޞަ ސަރަޙައްދުގައި ދަނޑު ހެއްދުމުގެ އިތުރަށް ފުރަތަމަ ފިޔަވަހީގައި ކުކުޅު ބިސް ޕޯލްޓްރީ ފާރމެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކުކުޅުގެ ކާނާވެސް އެތަނުގައި ހައްދައި، ކުކުޅުގެ ޞިއްޙީ ކަންކަން ބަލަހައްޓާ ފެސިލިޓީއެއް އެތަނުގައި ހެދޭނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހެއްދޭ ބާވަތުގެ ކާބޯތަކެތީގެ ބާވަތްތައް ހައްދައި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ.