ޚަބަރު

ޙައްޖުވެރިންގެ ދަތުރުގެ ކަންކަން ދަނީ ވަރަށް އަމާންކަމާއި އޮމާންކަމާއެކު: ޝަކީލް


  • މައްކާއަށް ދިއުމަށް ފަހު ޙައްޖާޖީން ފުރަތަމަ އުމްރާގެ އަޅުކަން އަދާކުރައްވާނެ

  • ބާކީ ތިބި ޙައްޖުވެރިން ފުރާނީ ޖޫން މަހުގެ 3، 7 އަދި 10 ވަނަ ދުވަހު

ޙައްޖުގެ އަޅުކަަމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ފުރަތަމަ ފްލައިޓް މިއަދު ފުރާފައިވާއިރު، ޙައްޖުވެރިންގެ ދަތުރުގެ ކަންތައްތައް ހަމަޖެހިފައިވަނީ ވަރަށް ފުރިހަމައަށްކަމަށާއި ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތައްވެސް ހަމަޖެހިފައިވަނީ ވަރަށް އަމާންކަމާއި އޮމާންކަމާއެކު ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ހައްޖުވެރިން ފުރުމުގެ ކުރިން، ކުރީބައިގައި ޕްރިޗެކިންކޮށް ލަގެޖްތައް ގެންގޮސްފައިވުމުގެ އިތުރުން ބަހުގައި އެއަރޕޯޓަށް ދިއުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާތީ ޙައްޖާޖީންނަށް ލުއިފަސޭހަތަކެއް ވަނީ ލިބިގެންގޮސްފައެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ޝަކީލް ވިދާޅުވީ، މިގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވުމުން ހައްޖުވެރިންނަަށް ހަމަޖެހިލައިގެން އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ފުލައިޓަށް އެރުމުގެ ފުރުސަތު ލިބިފައިވާކަަމަށެވެ.

ޝަކީލް ވިދާޅުވީ، އިތުރު ތިން ފްލައިޓްގައި ޙައްޖުވެރިން ފުރަން ހަމަޖެހިފައިވާ ކަމަށާއި މި ތިން ފްލައިޓްގައި ފުރާ ހައްޖުވެރިންނަށްވެސް މިއަދެކޭ އެއްގޮތަށް ދަތުރުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. ޙައްޖުވެރިންގެ ކަންކަން އިންތިޒާމް ކުރެވިފައިވާ ގޮތަށް އަލިއަޅުއްވާލައްވަމުން ޝަކީލް ވިދާޅުވީ ޙައްޖުވެރިންނަށް މަރުހަބާ ކިއުމަށް ސަޢުދީ އަރަބިއްޔާގެ ހޮޓެލްގައިވެސް ވަރަށް ގިނަ ތައްޔާރީތައްވެފައިވާ ކަމަށެވެ.

ޙައްޖުވެރިން މައްކާއަށް ދިއުމަށް ފަހު، ފުރަތަމަ ދާނީ އުމްރާގެ އަޅުކަން އަދާކުރުމަށެވެ.

ޝަކީލް ވިދާޅުވީ ހުރިހާ އިންތިޒާމެއް ފުރިހަމަކޮށްފައި ވީނަމަވެސް، ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ބަޔަކު އެއްވާއިރު އުންމީދު ނުކުރާފަދަ ކަމެއް ވެސް ދިމާވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ދިމާވާ ކޮންމެ ކަމަކީވެސް އިމްތިޙާނެއް ކަމަށް ޤަބޫލްކޮށް އަޅުކަމަށް އަހައްމިއްޔަތުކަން ދިނުމަށް ޝަކީލް އިލްތިމާސްކުރެއްވިއެވެ.

" ހީނުކުރާ ކަހަލަ ކަންތައްތަކެއް ވެސް އައިސްދާނެ، ރާއްޖެއިން ބޭރުގަ މިހާ ގިނަ މީހުން އުޅޭ އިރު އެތައް ގައުމަކުން އެތައް ބަޔަކު އެއްތަނަކަށް އެއްވެގެން އުޅޭ އިރު އުނދަގޫތަކެއް ވެސް އަންނާނެ، މިއިން ކޮންމެ ކަމަކީ ވެސް އިމްތިހާނެއްކަން ގަބޫލުކޮށް ކެތްތެރިކަން އިސްކުރައްވާ އަޅުކަމަަށް އަހަމިއްޔަތުކަން ދެއްވުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން " ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވިއެވެ.

އޮފިޝަލުންނާއެކު މިއަހަރު ޖުމްލަ 1150 ޙައްޖާޖީން ޙައްޖަށް ދިއުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރެއިން މިއަދު ފުރީ 296 ހައްޖުވެރިންނެވެ. ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ތިންވަނަ ގުރޫޕު އަންނަ މަހުގެ 7 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާއިރު 4 ވަނަ ގުރޫޕް ފުރާނީ އަންނަމަހުގެ 10ވަނަ ދުވަހުއެވެ.