ޚަބަރު

އަމާން ރާއްޖެއެއް ހޯއްދަވައިދެއްވުމުގެ ހިތްވަރުހުރި ލީޑަރަކީ ރައީސް ޑރ. މުޢިއްޒު: ޢަބްދުއްރަޙީމް


  • މަޖިލިސް ރައީސް މިހެން ވިދާޅުވީ ލ. އަތޮޅުގައި ބޭއްވި ޙަރަކާތެއްގައި

  • މަޖިލީސް ރައީސަކަށް އަބްދުއްރަހީމް އިންތިޚާބުކުރުމާ ގުޅިގެން ޙައްދުންމަތިންވަނީ ހޫނު މަރުހަބާއެއް ކިޔާފައި

އަމާން ރާއްޖެއެއް ދިވެހިންނަށް ހޯއްދަވައިދެއްވުމުގެ ހިތްވަރާއި ބުންވަރު ހުރި ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ލ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން މަރުޙަބާ ދެންނެވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހި ޤައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށްވުމުން ރައީސް ޑރ. މުޢިއްޒު ރާއްޖެއަށް ތަރައްޤީ ގެންނަން ބޭނުންވާ ހަލުވިކަމާއެކު ނުގެނެވުނު ނަމަވެސް ރެޔާއި ދުވާލު ރައީސް ގެންދަވަނީ އެމަނިކުފާނު ވެވަޑައިގެން ވަޢުދުތައް ފުއްދުމުގައި އަވަދިނެތި މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ މިވަގުތު ޤައުމު އޮތް ހާލަތުން އަރައިގަތުމަށް ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށެވެ. އަދި ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވުމުގެ މަސައްކަތް ޢަމަލީ ގޮތުން ރައްޔިތުން ފައްޓަވަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންވީ މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި. މި ޤައުމުގެ އަމާންކަމަށްޓަކައި. މި ޤައުމުގެ މިނިވަންކަމަށްޓަކައި. ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލު ނެގެހެއްޓުމަށްޓަކައި. މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ދިވެހިންނަށް އަމާން ސާފު ރީތި ރާއްޖެއެއް ހޯއްދަވައިދެއްވުމުގެ ޤާބިލްކަމާއި ހިތްވަރާއި ފަންވަރު ހުރި ކަމަށް ފެނިވަޑައިގަންނަވާ ހަމައެކަނި ލީޑަރަކީ ރައީސް މުޢިއްޒު ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވަނީ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމުގައި އެހީތެރިވިދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ މެންބަރެއްގެ ގޮތުގައި ޢަބްދުއްރަޙީމްގެ ނަން ހުށައުއްވިކަމަށްޓަކައި ރައީސަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ފޮނަދޫ ދާއިރާގެ މެންބަރުކަމަށް ވާދަކުރުމުން ވޯޓު ދެއްވި ދާއިރާގެ ހުރިހާ ރައްޔިތުންނަށްވެސް ޢަބްދުއްރަހީމް ޝުކުރުއަދާ ކުރެއްވިއެވެ.

ޢަބްދުއްރަޙީމް ފޮނަދޫއަށް ވަޑައިގެންނެވުމުން ސަގާފީ ކުޅިވަރުތަކާއެކު ހޫނު މަރުހަބާއެއް އެ ރަށު ރައްޔިތުން ކިޔާފައިވެއެވެ. ފޮނަދޫއަށް ޢަބްދުއްރަޙީމް ކުރެއްވި މި ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.