ޚަބަރު

ތޮއްޑޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން 8 މީހަކު ހައްޔަރުކޮށްފި


  • ހަމަނުޖެހުން ހިންގާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު

  • ހަމަނުޖެހުމުގައި ތޮއްޑޫ ކައުންސިލް އިދާރާއަށް އެކިކަހަލަ ގެއްލުންވެފައިވޭ

ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި އެރަށު ރައްޔިތުންތަކެއް ނުކުމެ ހިންގި ހަމަނުޖެހުމާ ގުޅިގެން 8 މީހަކު ހައްޔަރުކޮށްފިއެވެ.

ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި އެރަށު ރައްޔިތުންތަކެއް ނުކުމެ މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ތޮއްޑޫ ކައުންސިލް އިދާރާ ޤާއިމްކޮށްފައިވާ ޢިމާރާތުގެ ފުރާޅަށް ގާ އުކާ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 8 މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވީ ފުލުހުން ހައްޔަރުކޮށްފައިވާ އެންމެންނަކީވެސް ދިވެހިން ކަމަށެވެ. އަދި އެދުވަހު ކުރިއަށްދިޔަ މުޒާހަރާގައި ކައުންސިލް އިދާރާ ހިންގާ ޢިމާރާތަށް އެކިކަހަލަ ގެއްލުންވެފައިވާކަމަށް ކަރަމް ވިދާޅުވިއެވެ. އެގޮތުން ކައުންސިލް އިދާރާގެ ދޮރަށް ގެއްލުންވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.