ޚަބަރު

މިއަހަރު އެންމެ ގިނައިން ޑެންގީ ކޭސްތައް ރިޕޯޓްކުރީ މިދިޔަމަހު


  • މިދިޔަމަހު ޑެންގީހުމުގެ 610 ކޭސް ރިޕޯޓުކޮށްފައިވޭ

  • އޭޕްރީލްމަހު ރިޕޯޓުކޮށްފައިވަނީ 244 ކޭސް

  • ޑެންގީހުން އިތުރުވެފައިވަނީ މާލެ ސަހަރައްދުގެ އިތުރުން ހއ، ބ އަދި ކ އަތޮޅުގައި

މިއަހަރުގެ މިހާތަނަށް ޑެންގީ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހުސްވި މޭމަހުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ގައިން ގަޔަށް އަރާ ބަލިތަކުގެ ތެރެއިން އާއްމުކޮށް ފެންނަ 4 ބަލިކަމަށްވާ، ޑެންގީހުން، ވައިރަލްހުން، ބޭރަށްހިންގުން އަދި އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދުތައް ހާމަކޮށް ނެރުނު މެއި މަހުގެ ރިޕޯޓުގައެވެ.

އެޗްޕީއޭގެ ރިޕޯޓުގައިވާގޮތުން އާއްމުކޮށް ގައިން ގަޔަށް އަރާ ހުރިހާ ބައްޔެއްވެސް މިއަހަރުގެ އޭޕްރީލްމަހާ އަޅާބަލާއިރު މެއި މަހު ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ.

މީގެތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޑެންގީހުން ބަލިތައް އިތުރުވެފައިވާ މިންވަރެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މެއިމަހު 610 މީހަކަށް ވަނީ ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައެވެ. އޭޕްރީލް މަހު ޑެންގީ ހުން ޖެހިފައިވަނީ 244 މީހަކަށެެވެ.

ޑެންގީހުން އިތުރުވެފައިވަނީ މާލެ ސަހަރައްދުގެ އިތުރުން ހއ، ބ އަދި ކ އަތޮޅުގައެވެ.

ޑެންގީހުން ކޭސްތަކުގެ އަދަދުތައް

ޖަނަވަރީ : 145 ކޭސް
ފެބްރުއަރީ : 116 ކޭސް
މާރޗު : 119 ކޭސް
އޭޕްރީލް : 244 ކޭސް
މެއި : 610 ކޭސް

ޑެންގީއަކީ އީދީޒް މަދިރިން ޖައްސާ، ނުރައްކާތެރި ހުމެކެވެ. މިބަލި ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު އެ މިމަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުން އެމީހެއްގެ ގަޔަށް ބަލީހެ ވައިރަސް އެރުމުންނެވެ.

ޑެންގީ ޖެހޭ މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ އެންމެ 25 ޕަސެންޓް މީހުންގެ ކިބައިންނެވެ. ޑެންގީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި ގަދައަށް ބޮލުގަ ރިއްސުމާ މަސްތަކާ ހުޅުތަކުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ޑެންގީ ހުން ޖެހި ސީރިއަސް އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުން ލޭ އައުމާ ނޭވާލާން ދަތިވުމާ އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވުން ހިމެނެއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެފަދަ ތަކެތި ނައްތާލައި މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމަށް ސަމާލުވުމަށް އެޗްޕީއޭއިން ބާރުއަޅުއްވައެވެ.