ޚަބަރު

ބުރިޖުގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރަން އޮގަސްޓު މަހު ފަށަނީ


  • ޗައިނާގެ ޓެކްނިކަލް ޓީމެއް އޮގަސްޓު މަހު ރާއްޖެ އަންނާނެ

  • ދިވެހިން ތަމްރީންކުރާނީ އެ ޓީމުގެ ފަރާތުން

  • މިހާރު ވަނީ މެއިންޓަނަނަސް މަސައްކަތް ފަށާފައި

ސިނަމާލެ ބުރިޖު މެއިންޓަނަންސްގެ މަސައްކަތަށް ދިވެހިން ތަމްރީންކުރަން އޮގަސްޓު މަހު ފަށްޓަވާނެކަމަށް ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބުރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަނީ ސިނަމާލެ ބުރިޖު އެޅި ކުންފުނިކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީންނެވެ. ބްރިޖްގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުން ހިމެނޭހެން، 3 އަހަރު މުއްދަތަށް ބްރިޖްގެ މެއިންޓަނަންސް މަސައްކަތް އެކުންފުންޏާ ސަރުކާރުން ޙަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން މެއިންޓަނަނސް މަސައްކަތް ފަށާފައިވަނީ މާރިޗު މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް އަލުން ފަށާފައި މިވަނީ ބުރިޖުގެ މެއިންޓަނަންސް ނުބަލަހައްޓާތާ ގާތްގަނޑަކަށް 3 އަހަރު ދުވަސް ވޭތުވުމަށްފަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ބުރިޖު މެއިންޓަނަންސް މަސައްކަތުގައި ހިމެނޭ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ޗައިނާއިން ޚާއްސަ ޓީމެއް އަންނަ އޮގަސްޓު މަހު ރާއްޖެ އަންނާނެ ކަމަށެވެ. އެ ޓީމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުމުގެ މަސައްކަތް ކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ބުރިޖު މެއިންޓަނަންސްގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބުރިޖުގެ އެކިއެކި ބައިތައް ސާފުކޮށް ޕެއިންޓުކުރުން ނުވަތަ ޕްރޮޓެކްޓިވް ކޯޓިންގލުމުގެ މަސައްކަތް ކަމަށެވެ. އަދި ބުރިޖުގެ މައި ބިނާ ނުވަތަ ސްޓްރަކްޗަރގެ ތެރޭގައި ހިމެނޭ ކޮމްޕޮސައިޓާއި ސްޓީލް ގާރޑަސްތައް ސާފުކޮށް ދަބަރު ފިލުވުމާއި ޕްރޮޓެކްޓިވް ކޯޓިންގލުމުގެ މަސައްކަތް މިއަހަރުގެ ފަހު ކޮޅު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.


ބްރިޖުގެ މެއިންޓަނަނަސް މަސައްކަތްކުރުމަށް ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބުރިޖު މެއިންޓަނަންސްގެ ދާއިރާއިން ދިވެހިން ތަމްރީންކުރުމާ ގުޅޭގޮތުން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ ބުރިޖު މެއިންޓަނަންސްގެ މަސައްކަތަށް ދިވެހިން ތަމްރީންކުރުމަށް ޚާއްސަ އިސްކަމެއްދެއްވާނެ ކަމަށެވެ. އަދި ސިނަމާލެ ބުރިޖުގެ އިތުރުން އިތުރު ބުރިޖުތައް އެޅުމުގެ މަސައްކަތްތައް ރާއްޖޭގައި ކުރަމުންދާތީ މެއިންޓަނަންސް މަސައްކަތްކުރަން އެނގޭ ފަންނީ ދިވެހިން ތިބުމަކީ މުހިންމުކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ޚަރަދުވެއެވެ. މި މަސައްކަތްކުރަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ދަށުންނެވެ.

ޗައިނާގެ ހިލޭ އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ސިނަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށީ 2018 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއީ 1.39 ކިލޯމީޓަރުގެ ބްރިޖެކެވެ.