ޚަބަރު

ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ ވެހިކަލް 30 ރަށަކަށް


  • 30 ރަށަކަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދީފައިވަނީ ޖަޕާނުގެ ހިލޭ އެހީގައި

  • ޖުމްލަ 78 ރަށަށް މިހާރު މިވަނީ ވެހިކަލްތައް ފޯރުކޮށްދީފައި

  • 25 ރަށަކަށް ކުނި މެނޭޖްކުރަން ބޭނުންވާ އާލާތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވޭ

މަގޭ ސާފު ރާއްޖެ ޕްރޮގުރާމުގެ ދަށުން ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ ވެހިކަލް، 30 ރަށަކަށް ފޯރުކޮށްދީފިއެވެ.

މި ވެހިކަލްތަކަކީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި ރާއްޖެއަށް ގެނެސްފައިވާ ވެހިކަލްތަކެކެވެ. ވެހިކަލްތައް ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރަސްމީގޮތުން ވެހިކަލްތައް ކައުންސިލްތަކާ ހަވާލުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމެވެ

ވެހިކަލްތައް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ކުނި އުފުލުމުގައި ބޭނުންކުރާ ވެހިކަލްތައް ފޯރުކޮށްދެވުމާއެކު ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި ވެހިކަލްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޭނުންވާ އެކި ވަޞީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމާއި ކުނި މެނޭޖުކުރުމުގެ މަސައްކަތަށް މީހުން ތަމްރީން ކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިމަސައްކަތްތައް ކުރެވިގެން މިދަނީ އަތޮޅުތެރޭގެ ރަށްރަށާއި ރިސޯޓުތަކަކީ ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭ ސާފު ތަނަކަށް ހެދުމަށް." ވަޒީރު ވިދާޅުވިއެވެ.

މަގޭ ސާފު ރާއްޖެ ޕްރޮގުރާމުގެ ދަށުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 48 ރަށަކަށް ވެހިކަލް ވަނީ ފޯރުކޮށްދީފައެވެ. އަދި މިއަދު ފޯރުކޮށްދެވުނު ވެހިކަލްތަކާއެކު ޖުމްލަ 78 ރަށަށް މިހާރު މިވަނީ ވެހިކަލްތައް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި 25 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.