ޚަބަރު

ސިފައިންގެ ފަރާތުން ބޮޑު އެހީއެއް ހަދިޔާކުރީ ރައީސްގެ ގޮވާލެއްވުމަށް އިޖާބަ ދެއްވުމުގެ ގޮތުން: ޣައްސާން


  • ޤައުމީ ދިފާއީ ބާރުން ވަނީ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް 2.1 މިލިއަން ރުފިޔާގެ އެހީއެއް ދީފައި

"ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯންއަށް ސިފައިންގެ ފަރާތުން ބޮޑު އެހީއެއް ހަދިޔާކުރީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގޮވާލެއްވުމަށް އިޖާބަ ދެއްވުމުގެ ގޮތުންކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން މިހެން ވިދާޅުވީ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް 2.1 މިލިއަން ރުފިޔާގެ އެހީއެެއް ހަވާލުކޮށްދެއްވުމަށްފަހު، ޓެލެތޯންގެ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު ލިބިވަޑައިގަންނަވާ ކޮންމެ ފޯރަމެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރައްވާކަމަށާއި އެކަމުގެ ސަބަބުން، ދިވެހި ރައްޔިތުން އެމަނިކުފާނާއި މެދު ފަޚުރުވެރިވާކަމަށެވެ. އަދި ފަލަސްޠީނަށް ދިމާވެފައި މިއޮތް ހިތާމަވެރި ޙާލަތުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި އެންމެ ފާހަގަކޮށްލެވޭ އިސްލާމީ ލީޑަރަކީ، ރައީސް މުޢިއްޒުކަމަށްވެސް ދިފާއީ ވަޒީރު ވިދާޅުވިއެވެ،

މިޓެލެތޯނަކީ ސީދާ ރައީސުލްޖުމްޙޫރިއްޔާގެ އެންގެވުމުގެ މަތިން، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯނެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ޓެލެތޯނަކީ، ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރައްވާ މަސައްކަތްޕުޅުގެ ދައްކުވައިދޭ ކަމެއްކަމަށެވެ. އަދި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންވެސް އެމީހެއްގެ ތަނަވަނަސްކަން ހުރި މިންވަރަކުން މިޓެލެތޯނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ދިފާއީ ވަޒީރު އެދިވަޑައިގެންނެވިއެވެ.

"ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ދިވެހި ސިފައިން، ހުށިޔާރުކަމާއި އެކު އިޖާބަދީ، އެބޭފުޅުންގެ ކޮންޓްރިބިއުޝަން ހަވާލުކުރަން، އަޅުގަނޑުމެން ވަރަށް އުފަލާއިއެކު އައިސް މިތިބީ" ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.

ޤައުމީ ދިފާއީ ބާރުގެ ފަރާތުން ވަނީ މި ޓެލެތޯނަށް، މިހާތަނަށް އެއްފަރާތަކުން ދެއްވި އެންމެ މަތީ އަދަދު ހަދިޔާކުރައްވާފައެވެ. ދިވެހި ސިފައިން ހަދިޔާކުރެއްވި 2،169،826.32 ރުފިޔާގެ ފައިސާގެ އެހީ ޓެލެތޯނަށް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަހުމަދު ގިޔާސްއެވެ.