ޚަބަރު

ކުނި މެނޭޖުކުރަން ބޭނުންކުރާ އާލާތްތައް އޮގަސްޓު މަހު ރާއްޖެ ގެންނަނީ


  • މިއާލާތް ގެންނަނީ ބައިނަލްއަޤުވާމީ ބީލަމެއްގެ ތެރެއިން

  • 45 ރަށަކަށް ކުނި މެނޭޖްކުރާ އާލާތް ފޯރުކޮށްދޭނެ

  • މިދިޔަ 6 މަސްދުވަސް ތެރޭ 22 ރަށަކަށްވަނީ ކުނި މެނޭޖްކުރާ އާލާތް ފޯރުކޮށްދީފައި

  • ރާއްޖޭގެ 3 ޒޯނެއްގައި ކުނި މެނޭޖްކުރާ ރީޖަނަލް މަރުކަޒު ޤާއިމްކުރާނެ ކަމަށް ވިދާޅުވި

ކުނި މެނޭޖުކުރުމަށް ބޭނުންކުރާ އާލާތްތައް އޮގަސްޓު މަސްތެރޭގައި ރާއްޖެ ގެނައުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ކުނި މެނޭޖްކުރަން ބޭނުންކުރާ 30 ވެހިކަލް ރަށު ކައުންސިލްތަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކުނި މެނޭޖުކުރުމަށް ބޭނުންކުރާ އާލާތްތައް 4 އަތޮޅެއްގެ 45 ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ވެހިކަލްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ނ، ރ، ބ، ޅ އަތޮޅުގެ 45 ރަށަކަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ބައިނަލްއަޤުވާމީ ބީލަމެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށްގެން ގެންނަ ކުނި މެނޭޖްކުރަން ބޭނުންކުރާ އާލާތްތައް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި 22 ރަށަކަށް ކުނި މެނޭޖްކުރަން ބޭނުންކުރާ އާލާތްތައް ފޯރުކޮށްދެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ކުނި މެނޭޖްކުރުމުގެ މައްސަލައަށް ހަމައެކަނި ސަރުކާރުގެ ބަޖެޓުން ޚަރަދު ނުކުރެވޭނެ. މިހެންވެ އަޅުގަނޑުމެން މިދަނީ ބޭރުގެ މަލްޓި ނޭޝަނަލް ޑޯނަރ ފަންޑުތަކާއި ލޯނު އެހީ ހޯދައިގެން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން." ވަޒީރު ވިދާޅުވިއެވެ.

ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގެ 3 ސަރަހައްދެއްގައި ކުނި މެނޭޖްކުރާ ރީޖަނަލް މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތ. ވަންދޫގައި ހުރި ކުނި މެނޭޖްކުރާ ޕްލާންޓު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި ތިލަފުށީގައި ހުރި ޕްލާންޓުންވެސް ކުނި މެނޭޖްކުރެވޭ ކެޕޭސިޓީ އިތުރުކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އައްޑޫގައި ހުރި ކުނި މެނޭޖްކުރާ ޕްލާންޓު އިތުރަށް ތަރައްޤީކޮށް ކުރިއަށް އޮތް 2 އަހަރު ތެރޭ އެތަނުން ޚިދުމަތް ދޭން ފެށޭނެކަމަށްވެސް ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.

ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން "މަގޭ ސާފުރާއްޖެ" މި ނަމުގައި ކުނި މެނޭޖްކުރަން ޤައުމީ ސިޔާސަތެއް މިމަހުގެ 5 ވަނަ ދުވަހު ވަނީ އިފްތިތާޙު ކޮށްފައެވެ. އަދި މި ސިޔާސަތާއެކު 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނީގެ މައްސަލައަށް އެކަށޭނަ ހައްލެއް ލިބޭނެކަމަށް ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.