ޚަބަރު

އީދަށް އެންމެން ރަށްރަށަށް؛ އިލްތިމާސަކީ ދުރާލާ ދަތުރަށް ތައްޔާރުވުން


  • ދަތުރުކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރޭ

ކުރިއަށް ބޮޑު ޢީދު ބަންދާއި ދިމާކޮށް އެކި ތަންތަނަށް ދަތުރުކުރާއިރު ދުރާލާ ދަތުރަށް ތައްޔާރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ކުރިއަށް އޮތް ޢީދު ބަންދާއި ދިމާކޮށް، ގިނަ އަަދަދެއްގެ ބަޔަކު އެކި ތަންތަނަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެރިން ޕޮލިސްގެ ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވިދާޅުވީ ސަލާމަތްތެރިކަމާއެކު ދަތުރެއް ކުރެވޭނީ ދަތުރަށް ދުރާލާ ތައްޔާރުވުމުން ކަމަށެވެ. އެގޮތުން ދަތުރުކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރުކޮށް، މޫސުމަށް ބަލައިގެން ދަތުރުކުރަންޖެހޭކަމަށް އަދުނާން ވިދާޅުވިއެވެ.

އަދުނާން ވިދާޅުވީ ދަތުރުކުރާ އުޅަނދަކީ ރައްކާތެރި އުޅަނދެއްތޯ ކަށަވަރުކުރުމަކީ ދަތުރުވެރިޔާއާއި އުޅަނދުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ދާން ބޭނުންވާ މަންޒިލަށް ދެވޭވަރަށް އިންޖީނުގައި ތެޔޮ ހުރިތޯ ކަށަވަރުކުރުމާއި ލައިފް ޖެކެޓް ހަމަކުރުމުގެ އިތުރުން، ދަތުރުމަތީގައި މީހަކަށް ގެއްލުމެއް ދިމާވެއްޖެނަމަ ފަރުވާދެވޭނެފަދަ ރަނގަޅު ފަސްޓް އެއިޑް ކިޓެއްވެސް އުޅަނދުގައި ހުންނަންޖެހޭނެކަމަށް އަދުނާން ވިދާޅުވިއެވެ.

"ލައިފް ޖެކެޓު ހަމައަށް ހުންނަންޖެހޭނެ އުޅަނދުތަކުގައި. އަޅުގަނޑުމެންގެ އަބަދުވެސް އިލްތިމާސަކީ ދަތުރު ފަށަން ވާނީ ލައިފް ޖެކެޓު އަޅައިގެންނޭ. ކަމެއް ދިމާވާނެ ވަގުތެއް ނޭނގޭނެ. ކަމެއް ދިމާވީމަ ވާގޮތަކީ ގިނަ ފަހަރަށް ފެންނަ ހިސާބުގައި ލައިފް ޖެކެޓު ނުހުރޭ. އެހެންވީމަ ދަތުރު ފެށުމުގެ ކުރިން ލައިފް ޖެކެޓު އަޅަންޖެހެނީ." އަނީސް ވިދާޅުވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި މާލެ އޭރިއާގެ ހެޑް ޙަސަން ސަމީރު ވިދާޅުވީ ޗުއްޓީއަށް އެކި ތަންތަނަށް ދާއިރު ގޯތި ގެދޮރު ރަނގަޅަށް ތަޅުލާފައި ބެހެއްޓުމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. އެގޮތުން ކުޑަދޮރުތަކާއި ވައި ގޮޅިތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަކީ މުހިންމުކަމެއްކަން ސަމީރު ފާހަގަކުރެއްވިއެވެ.

"ގޯތި ގެދޮރު ރަނގަޅަށް ތަޅުލުމުގެ އިތުރުން ގިނަ ދުވަސް ވަންދެން ނުދުއްވާ ޕާކުކޮށްފައި ހުންނަ ސައިކަލުތަކަށް ވަގުން ފާރަލާ. އެހެންވީމަ ފުރުމުގެ ކުރިން މިގޮތަށް ޕާކުކޮށްފައި ހުންނަ ސައިކަލުތައްވެސް ހުންނަންވާނީ ރަނގަޅަށް ލޮކް ކޮށްފައި." ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ މި ޒަމާނުގައި ގިނަ މީހުން، އަތުގައި ފައިސާ ނުބަަހައްޓާކަމަށާއި ނަމަވެސް ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ފުރާނަމަ އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ފުލުހުންގެ ފަރާތުން އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއްކަމަށެވެ. އެގޮތުން ފުލުހުންގެ ނަންބަރު 3322111 އަށް ގުޅުމުން އެ ޚިދުމަތް ލިބޭނެކަމަށްވެސް ސަމީރު ވިދާޅުވިއެވެ.