ޚަބަރު

ދިވެހި ހުރިހާ ޙައްޖުވެެރިން މިވަގުތު ޢަރަފާތުގައި


  • ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅު ޙައްޖު މިޝަނުން ވިދާޅުވޭ

  • ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިންވެސް މިހާރު ތިބީ ޢަރަފާތު ބިމުގައި ދިވެހި ޙައްޖު މިޝަނުން ވިދާޅުވެއްޖެއެވެ.

1100 އަށްވުރެ ގިނަ ދިވެހި ހައްޖުވެރީން ރެއިން ފެށިގެން ޢަރާފާތަށް ދިއުމަށް ވަނީ ފުރާފައެވެ. ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ޙައްޖުވެރީންވެސް މިހާރު ތިބީ ޢަރަފާތު ބިމުގައި ކަމަށާއި އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.

ޙައްޖު ދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.

އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް ޙައްޖުވެރިން އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހުވެސް ހޭދަކުރަނީ މިނާގައެވެ.

ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، 3 ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލް އިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ އެންމެހާ ކަންކަން ބެލެހެއްޓުމުގައި އެހީތެރިންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޚާއްސަގޮތެއްގައި މިއަހަރުގެ އަރަފާތު ދުވަހަކީ ހޫނުގަދަ
ދުވަހަކަށް ވުމުން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރަކާއެކު 5 ޑޮކްޓަރުންނާއި 6 ނަރުހުން ހަރަކާތްތެރިވެއެވެ.