ޚަބަރު

ޝަރުޠުހަމަވާ ހުރިހާ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި


  • ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ސިޔާސީ 6 ޕާޓީއެއް

  • ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކުރި

  • ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް އޮވޭ

ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުޠު ހަމަވާ ސިޔާސީ 6 ޕާޓީއަށް ފައިސާ ދޫކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ މިއަހަރަށް ލަފާކޮށް މިދިޔަ އަހަރު ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ސިޔާސީ 6 ޕާޓީއެއްކަމަށެވެ. އެއީ ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކެވެ. އަދި މިހާރު އެ ހުރިހާ ޕާޓީއަކަށްވެސް ފައިސާ ދޫކޮށް ނިމިފައިވާކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. ސިޔާސީ ޕާޓީތަކަށް ދޫކުރާނީ އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ 0.01 އިންސައްތައަށްވާ ފައިސާކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި ހިނގަމުންދާ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވަނީ އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭ އަދި ޢަދާލަތު ޕާޓީގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ފައިސާ ދޫކޮށްފައިވަނީ ޕީޕީއެމްއާއި ޖޭޕީއާއި އޭޕީއާއި އެމްޑީއޭއަށެވެ. މި ޕާޓީތަކަށް ފައިސާ ދޫކުރުމަށް މާލީ ވުޒާރާއަށް ފޮނުވައި ފައިސާ ދޫކޮށްފައިވާކަން އިޢުލާނުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު އެމްޑީޕީއަށް ފައިސާ ދޫކުރުމަށް މާލީ ވުޒާރާއަށް ފޮނުވިއެވެ. ނަމަވެސް ޕީއެންސީގެ އެކައުންޓު ހަމަނުޖެހޭތީ ޕީއެންސީއަށް ފައިސާ ދޫކުރަން މާލީ ވުޒާރާއަށް ފޮނުވީ އޭޕްރީލް 9 ގެ ފަހުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ވިދާޅުވީ ޕީއެންސީއަށާއި އެމްޑީޕީއަށްވެސް މިހާރު ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

ފައިސާ ދޫކުރާ ޕާޓީތަކާއި ޢަދަދު:

• މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 15.1 މިލިއަން ރުފިޔާ
• ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 10.4 މިލިއަން ރުފިޔާ
• ޖުމްހޫރީ ޕާޓީ (ޖޭޕީ): 5.3 މިލިއަން ރުފިޔާ
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2.4 މިލިއަން ރުފިޔާ
• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ): 8.0 މިލިއަން ރުފިޔާ
• އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ޕާޓީތަކަށް ފައިސާ ކަނޑައަޅާފައިވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުންކަމަށެވެ. އެއީ ޖުމުލަ 152،266 މެންބަރުންނެވެ. އެގޮތުން މިއަހަރުގެ ބަޖެޓުން ސިޔާސީ 6 ޕާޓީއަށް 44.09 މިލިއަން ރުފިޔާ ދޫކުރުމަށް އިލެކްޝަނަސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.