ޚަބަރު

ހަމަލާތަކުގެ ސަބަބުން ސަޢުދީ މަހާސިންތާގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ދެނީ


ސަޢުދީ ޢަރަބިއްޔާއިން ބާއްވާ ޚާއްޞަ އިންވެސްޓްމަންޓް މަހާސިންތާ، ފިއުޗާ އިންވެސްޓްމަން އިނިޝިއޭޓިވް (އެފްއައިއައި)ގައި މާލަމަށް ހާޒިރުވެގެންނާއި އިންޓަނެޓު މެދުވެރިކޮށްއާ ދެގޮތަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.

މި އަހަރުގެ އެފްއައިއައި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހިނގަމުންދާ އޮކްޓޯބަރު މަހުގެ 26ން 29އަށް، ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައެވެ. އެ މަހާސިންތާގައި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައި ވަނީ ޔަމަނުގެ ޙޫޘީން ސަޢުދީ ޢަރަބިއްޔާގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. މި މަހުގެ 10ވަނަ ދުވަހު ޙޫޘީން ރިޔާޟުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިން ހަމަލާއެއްގައި 13 މީހުން މަރުވެފައިވެއެވެ.

އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ދިން ނަމަވެސް ބައެއް ބައިވެެރިން މަހާސިންތާގައި ބައިވެރިވުމަށް ރިޔާޟްގެ ވައިގެ ބަނދަރު ނޫން އެހެން ވައިގެ ބަނދަރުތައް މެދުވެރިކޮށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. އަދި ބައެއް ބައިވެރިން ވައިގެ މަހިން ގަލްފުގެ އެހެން ޤައުމުތަކަށް ދަތުރުކޮށް، އެއްގަމު މަގުން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުން ވެސް އެކަށީގެންވެއެވެ.

އެފްއައިއައި އިންތިޒާމްކުރާ ފަރާތުން މި މަހުގެ ކުރީކޮޅު ބުނީ ސަޢުދީ ޢަރަބިއްޔާއަށް މިސައިލް އަދި ޑްރޯން ހަމަލާތައް ދީފައިވާ ނަމަވެސް މަހާސިންތާ ބާއްވާނެ ކަމަށެވެ. އެފްއައިއައި އިންސްޓިޓިއުޓްގެ ސީއީއޯ އަދި ޗެއާމަން އެކުގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެފައައިއައިގެ 10ވަނަ ބައްދަލުުވުން ފެށުމަށް ތައްޔާރުވަމުންދާއިރު، އެ މަހާސިންތާގައި ބައިވެރިވުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ އެތައް ހާސް މަންދޫބުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ އިންސްޓިޓިއުޓުން އެންމެ އިސް ވާޖިބު ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ޤަައުމީ ތެޔޮ ކުންފުނި، އަރާމްކޯގެ އޮފީސް އިމާރާތަކަށް ވެސް ޙޫޘީން ހަމަލާ ދީފައިވެއެވެ. ސަޢުދީ ޢަރަބިއްޔާގެ ހަކަތައާ ބެހޭ އިދާރާއިން ބުނީ އެ ހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވަތަ ޒަޚަމްވެފައި ނުވާ ކަމަށެވެ.