ޚަބަރު

ބައެއް ހިސާބުތަކަށް މޫސުން ގޯސްވިޔަސް، އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެ


  • މޫސުން ރަނގަޅުނަމަވެސް ކެރީގެ އަސަރު ކުރާނެ

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވިޔަސް، އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން އާންމުގޮތެއްގައި ހުރިހާ ހިސާބަކަށްވެސް ރަނގަޅުވާނެ ކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވެ، ވައިވެސް އާންމުގޮތެއްގައި މަޑުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ހުރިހާ ހިސާބަކަަށްވެސް ރަނގަޅުވާނެއެވެ. އެހެންނަމަވެސް ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އާންމުގޮތެއްގައި ހުރިހާ ހިސާބަކަށްވެސް ވައި މަޑުވާނެ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ފާއިިތުވި 24 ގަޑިއިރުގެ ތެރޭގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލާފަކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލުވެސް ވަނީ ނެރެފައެވެ. އެގޮތުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން މިރޭ މެންދަމު 12:00އާ ހަމައަށް ޅ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވެއެވެ.

ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ..