ޚަބަރު

ގުރައިދޫ މަރުކަޒަކީ ދާއިމީ ހިޔާވެއްސެއްނޫން، މިހާރު އެއީ ފަރުވާއަށް ޚާއްޞަ ތަނެއް: ވަޒީރު


  • ގުރައިދޫ މަރުކަޒަށް މީހުން ގެންދަނީ ވަކި މުއްދަތަކަށް ހަމައެކަނި ފަރުވާއަށް

  • އަނބުރާ މުޖުތަމަޢުއަށް ނުކުތުމަށް ބޭނުންވާ ފަރުވާއާއި އެހީ ފޯރުކޮށްދޭ

މާލެ އަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، ފަރުވާއަށް ޚާއްސަ ތަނެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމުގެ ނަތީޖާ ރަނގަޅުކަމަށާއި، އެތަނާމެދު ރައްޔިތުން ދެކޭގޮތް ބަދަލުވަމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ގުރައިދޫގައި ހުންނަ މަރުކަޒަކީ ނަފްސާނީ އެހީތެރިކަމަށް ބޭޏުންވާ ފަރާތްތަކަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ޤާއިމުކޮށްފައިވާ މިމަރުކަޒެއްނަމަވެސް، އާއިލާއިން ޙަވާލުވާނެ މީހެއް ނެތް ދޮށީ އުމުރުގެ އެތައް ބަޔަކު އެ މަރުކަޒުގައި ތިބެއެވެ. އެހެންކަމުން އެ މަރުކަޒަކީ ޢުމުރުން ދުވަސްވުމުން އާއިލާއިން ބަލާނެ މީހަކު ނެތުމުން ދައުލަތުން އެމީހުން ބަލަހައްޓާ ތަނެއްގެ ގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ ދެކެމުންނެވެ.

ޢާއިލާގައި އަޅާލާނެ މީހުން ނެތުމުން އެތަނުން ނުދެވިފައިތިބި އެތައް ބަޔަކު އެތަނުގައި ތިބޭކަމާއި، އެމަރުކަޒަށް ގެންދިއުމަށްފަހު މުސްކުޅި މައިންބަފައިންނަށް ދަރިންގެ ފަރާތުން އަޅާލުން ނުލިބޭކަމުގެ ކަންބޮޑުންވެސް އޮވެއެވެ. ނަމަވެސް އެ ދެކޭދެކުން އިޖުތިމަޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އަންނަނީ ބަދަލުކުރަމުންނެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢައިޝަތު ޝިހާމް ވިދާޅުވީ، ގުރައިދޫ މަރުކަޒަކީ ފަރުވާއަށް ޚާއްސަ ތަނެއްގެ ގޮތުގައި މިހާރު ބަދަލުވަމުންދާކަމަށެވެ. އެގޮތުން އެއީ ކޮންމެ ފަދަ މައްސަލައަކާއެކު އަންނަ ފަރާތެއްނަމަވެސް އެތަނުން ފަރުވާ ލިބިގަތުމަށްފަހު އަނބުރާ ޢާއިލާއިން ޙަވާލުވާންޖެހޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެފައިވާ މަރުކަޒެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެއީ ދާއިމީކޮށް މީހުން ތިބެން އަންނަ ހިޔަވައްސެއްގެގޮތުގައި ދެކޭގޮތް ބަދަލުވެއްޖެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެތަނާއި މެދު ދެކޭގޮތް އަޅުގަނޑުމެން ބަދަލުކޮށްފިން. މަރުކަޒަށް އަންނަ ކޮންމެ މީހަކީ ވަކި މުއްދަތަކަށް އަންނަ މީހެއް. އޭނާ އެތަނުގައި ހޭދަކުރާ މުއްދަތުގައި އަލުން އަނބުރާ މުޖުތަމަޢަށް ދާން ތައްޔާރުވޭ. އެފަދަ ޕްރޮގްރާމްތައް އެތަނުގައި ހިންގާ." އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ގުރައިދޫގެ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދުމަށް ނަފްސާނީ އެކި ކަހަލަ ބަލިތައް ހުންނަ މީހުން އެމަރުކަޒަށް ގެންދެވެއެވެ. އެގޮތުން ނަފްސާނީ އުނދަގޫކުރިމަތިވާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއާއި، ތެރަޕީތަކާއި އެކި ޕްރޮގްރާމްތަކުގެ އެހީގައި އަނބުރާ ޢާއިލާ ގާތަށްގޮސް ދިރިއުޅުމަށް ބޭނުންވާ ކަންކަން ދަސްކޮށްދެވެއެވެ. ހަމައެއާއެކު މުޖުތަމަޢުގެ ހިއްސާއެއްގެ ގޮތުގައި އުޅެވޭނެ ފަރާތްތަކަށް ވަޒީފާއަށް ގޮސްގެން އާމްދަނީ ހޯދުމަށް ބޭނުންވާ އެހީތެރިކަންވެސް މަރުކަޒުން ފޯރުކޮށްދެއެވެ.

އެ މަރުކަޒުގައި ވަނީ ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށްޓަކައި ރީ- އިންޓަގްރޭޝަން ވާރޑެއްވެސް ހުޅުވާފައެވެ. މިއީ އެމަރުކަޒުގައި ތިބޭ މީހުންނަށް ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ހުނަރު ޕްރޮގްރާމްތަކާއެކު، ފަރުވާ ފުރިހަމަކުރުމަށްފަހު ޢާއިލާތަކަށް ރުޖޫޢަވުމުގެ ކުރިން ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށް ޤާއިމްކުރި ވާރޑެކެވެ. ިފަދަ އިތުރު ވާރޑުތައް ހުޅުވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެ މަރުކަޒުން ފަރުވާހޯދުމަށްފަހު ދޫކޮށްލާ ފަރާތްތަކުގެ ޙާލު ގާތުން ބެލުމުގެ ގޮތުން ރަށްރަށުގައި ހުންނަ އިޖުތިމާޢީ ބަދަހި މަދަދުވެރިން، އިބަމަ މެދުވެރިކޮށް ޙާލުބަލައި، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން މެދުވެރިކޮށް ސިއްޙި ދުޅަހެޔޮކަން ބެލޭނެ އިންތިޒާމުވެސް މިހާރުވަނީ ހަމަޖައްސާފައެވެ.