ގައުމީ ދިދަ ރަމްޒުކޮށްދޭ މާސްކާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗަށް އެމްބާޕޭ ތައްޔާރު ވެއްޖެ އެވެ.
ފްރާންސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގެ ފަހު މިނިޓްގައި އިދިކޮޅު ޓީމްގެ ޑިފެންޑަރެއްގެ އުޅަނބުށިން ޖެހި، ނޭފަތް ފަޅައިގެން ދިއުމުގެ ސަބަބުން ބަދަލުކުރަން ޖެހުނު އެމްބާޕޭ އޮޕަރޭޝަނަކާ ނުލާ ކުރިއަށް އޮތް މެޗަށް ވަނީ ތައްޔާރު ވެފައެވެ. ނަމަވެސް މުބާރާތުގެ ބާކީ މެޗުތައް އޭނާ ކުޅޭނީ ރައްކާތެރި ކަމުގެ ގޮތުން ފޭސް މާސްކެއް އަޅައިގެންނެވެ. އެމްބާޕޭގެ މާސްކް ތައްޔާރުކޮށް، މިހާރު ވަނީ ޕްރެކްޓިސްގައި ބޭނުންކޮށްފައެވެ. އަދި އެމްބާޕޭ މާސްކާއެކު ކުޅެން ފައްކާ ވެއްޖެ ކަމަށް ރިޕޯރޓްތައް ބުނެއެވެ. ކޯޗު ޑިޝޯމްޕްސް ބުނީ ކަންކަން ދަނީ ރަނގަޅަށް ކަމަށެވެ.
"ހުރިހާ ކަމެއްވެސް ދަނީ ރަނގަޅު މިސްރާބަށް، އެމްބާޕޭގެ ހާލަތު ރަނގަޅު، އެކަން އަހަންނަށް ޔަގީން ކޮށްދެވިދާނެ. މާދަމާގެ (މިރޭ) މެޗަށް އެމްބާޕޭ ބޭނުންކުރެވޭނެ ގޮތަށް ކަންކަން ދަނީ.ޑިޝޯމްޕްސް/ ފްރާންސް ކޯޗު
25 އަހަރުގެ ފޯވާޑް އަނިޔާއަށް ފަހު ފުރަތަމަ ޕްރެކްޓިހަށް ނިކުތީ ރައްކާތެރިކަމުގެ ގޮތުން ނޭފަތް މަތީގައި ބެންޑޭޖެއް އަޅައިގެންނެވެ. ބެންޑޭޖް އަޅައިގެން ޕްރެކްޓިސް ކުރީ ވަކިންނެވެ. ނަމަވެސް މާސްކް ލިބުމުން ފަހުން އެންމެފަހުން ޕްރެކްޓިސް ކުރީ މާސްކާ އެކުއެވެ. މާސްކު ތައްޔާރުކޮށްފައިވަނީ ފްރާންސް ދިދަ ރަމްޒް ކޮށްދޭ ނުލާއި، ހުދާއި ރަތް ކުލަ ހިމެނޭ ގޮތަށެވެ.
ފްރާންސް ވަނީ ފުރަތަމަ މެޗު 1-0 ން އޮސްޓްރިއާ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ވާދަކުރާނީ ނެދަލެންޑްސްއާ އެވެ.