ބެލްޖިއަމް އިން ރޮމޭނިޔާ ބަލިކުރުމުން، ގްރޫޕްގެ ހަތަރު ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރު ވެއްޖެ އެވެ. ކޮންމެ ޓީމެއް ދެ މެޗު ކުޅެ ނިމުނުއިރު ގްރޫޕް އީ ގެ ހަތަރު ޓީމަށްވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ.
ބެލްޖިއަމްއިން ރޮމޭނިޔާ ބަލިކުރީ 2-0 ނެވެ. މެޗު ފަށައިގެން ދެވަނަ މިނިޓްގައި ބެލްޖިއަމް އިން ވަނީ ލީޑް ނަގާފައެވެ. ލުކަކޫ ޖައްސާލި ބޯޅަ ޑީއޭރިޔާ ބޭރުން ތިރިތިރިން ގޯލްގެ މެދަށް ފޮނުވާލައިގެން ލީޑް ނަގައިދިނީ ޔޫރީ ޓީލަމަންސް އެވެ. ލަނޑުގައި އެންމެ ބޮޑު ހިއްސާއެއްވި ލުކަކޫ ވަނީ ދެފަހަރެއްގެ މަތީން ފުރުޞަތު ތަނަވަސްކޮށްދީފައެވެ. ލަނޑުގެ ފަހުން ފުރަތަމަ ހާފްގެ ކުރީކޮޅު ޓީލެމެންސް ފޮނުވާލި ބޯޅައެއް ކީޕަރު މަތަވެސް ކުރިއެވެ.
ބެލްޖިއަމްގެ ދެވަނަ ލަނޑު ޖަހާ މޮޅު ޔަގީންކޮށްދީ، ކުރިއަށް ދިއުމުގެ ފުރުޞަތު ހޯދައިދިނީ ކެޕްޓަން ޑި ބުރައިނާ އެވެ. ޕެނަލްޓީ ސްޕޮޓް މަތިން ޑި ބުރައިނާ 79 ވަނަ މިނިޓްގައި ތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނަށެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ބެލްޖިއަމް އިންނެވެ. މެޗުގައި ލަނޑު ޖަހަން ހޯދި ފުރުޞަތުތަކުގެ ތެރެއިން އެންމެ ނަސީބު ދެރަކޮށް ދިޔައީ ލުކަކޫ އަށެވެ.
މެޗުގައި ލުކަކޫ ލަނޑެއް ޖަހާ އުފާފާޅުކުރިވެސް މެއެވެ. އަމިއްލަ ހާފް ތެރެއިން މެދުރޮނގު ކައިރީ ހުރެ ޑި ބުރައިނާ ކުރިއަށް ދިން ބޯޅަ ލުކަކޫ އެއްފަހަރުން ގޯލަށް ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މީގެ އިތުރުންވެސް ދެހާފްގައި ލުކަކޫ އަށް ލަނޑު ޖަހަން ފުރުޞަތު ލިބުނެވެ. މެޗުގެ ފުރަތަމަ ފަނަރަ މިނިޓްގެ ތެރޭގައި ލުކަކޫ ކޮންޓްރޯލް ކޮށް، އެނބިރިގަނެ ފޮނުވާލި ބޯޅަ ކީޕަރު ކޯނަރަކަށް ބޭރުކޮށްލި އެވެ. މިއީ އަރިމަތިން ޖެރެމީ ޑޮކޫ ނަގައިދިން ބޯޅައެކެވެ.
ފުރަތަމަ ހާފްގައި ރޮމޭނިޔާއިން އެންމެ ރަނގަޅު ބޯޅައެއް ފޮނުވާލީ ރާޑޫ ޑްރަގޫސިން އެވެ. ހަތަރު ވަނަ މިނިޓްގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖައްސާ ހުރަސް ދަނޑިމަތިން ބޭރުކޮށްލީ އެވެ. ފުރަތަމަ ހާފްގައި ޑި ބުރައިނާ ޖައްސާލި ބޯޅަ ބެލްޖިއަމް ޑޯޑީ ލުކެބާކިއޯ ޑިފެންޑަރެއް ބީޓްކޮށް، ގޯލްގެ އަރިމަތީ ކަނަށް ފޮނުވާލުމުން ކީޕަރު ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލާފައެވެ. މިއީ މެޗުގައި ފެނުނު އެންމެ މޮޅު އެއް ސޭވެވެ.
ގޯލްއޭރިޔާގެ އަރިމަތިން ޑޮކޫ ފޮނުވާލި ބާރުބޯޅަ ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. 33 ވަނަ މިނިޓްގައި އޭރިޔާތެރެއަށް ވަދެ ލުކެބާކިއޯ ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައީ އެވެ. ދެވަނަ ހާފް ފަށައިގެން ރޮމޭނިޔާގެ ވެލަންޓިން މިހައިލާ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަވެސް ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.
މެޗުގައި މޮޅަށް ކުޅުނު ޑި ބުރައިނާ 51 ވަނަ މިނިޓްގައި ޑީއޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ބޭރުވީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ނެވެ. އޭގެ ދެ މިނިޓް ފަހުން އޭނާ އޭރިޔާ ރޮނގުމަތިން ގޯލްގެ ސީދާ މެދަށް ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ. ޑި ބުރައިނާއާ އެކު ސިޓީއަށް ކުޅެމުން އަންނަ ޑޮކޫ 62 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާފަ ފޮނުވާލެވުނީ އަރިމަތީ ދާގަނޑަށެވެ. އޭގެ ފަސް މިނިޓް ފަހުން އޭރިޔާ ތެރެއަށް ވަދެ ރޮމޭނިޔާގެ ނިކޮލާ ސްޓަންޗޫ ފޮނުވާލި ބޯޅަވެސް ދިޔައީ ކީޕަރާ ދިމާއަށެވެ. އެބޯޅަ ކީޕަރު ވަނީ ފަސޭހައިން ހިފާފައެވެ.
މިމެޗުގެ ނަތީޖާގެ ސަބަބުން އެއް ވަގުތެއްގައި ކުޅޭ މިގްރޫޕްގެ ފަހު ދެ މެޗުގެ ވާދަވެރިކަންވެސް ބޮޑުވާނެއެވެ. ހަތަރު ޓީމަށްވެސް ދެވަނަ ބުރުގެ ފުރުޞަތު އެބައޮތެވެ. ފަހު މެޗުގައި ބެލްޖިއަމް ނިކުންނާނީ ޔުކްރެއިންއާ ދެކޮޅަށެވެ. ރޮމޭނިޔާ ވާދަކުރާނީ ސްލޮވާކިޔާއާ އެވެ.