ކުޅިވަރު

އަލްބޭނިއާ އަތުން ސްޕެއިން ބަލިވެދާނެތަ؟


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕޭނާ ދޮޅަށް އަލްބޭނިއާ ކުޅޭ މެޗަކީ ހުރިހާ ގޮތަކުން ވެސް ފޯރިގަދަވާނެ މެޗެކެވެ. އަލްބޭނިއާ މެޗަށް ނުކުންނަނީ އެމީހުންގެ އަތުގައި އޮތް ޕޮއިންޓާއެކު މި މެޗުން މޮޅުވެ ހަތަރު ޕޮއިންޓް ހޯދައި ދެ ވަނަ ބުރުގެ އިންތިޒާރުގައި ތިބުމަށް ނިޔަތްގަނެގެންނެވެ.

ނަމަވެސް ސްޕޭން ކަޓާނެ ގޮތެއްނެތެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ އެމީހުންގެ އަތުގައި މިހާރު ވެސް ހަ ޕޮއިންޓް އެބައޮތެވެ. މިހެންވެ ކޯޗު ޑެލަފުއެންޓޭ މި މެޗުގައި ޓީމަށް ބަދަލުތަކެއް ގެންނާނެ އެވެ. ހާނިއްކަވެފައި ތިބި ކުޅުންތެރިންނާއި ރީނދޫ ކާޑު ދައްކާފައި ތިބި ކުޅުންތެރިން މި ރޭގެ މެޗަށް ނެރޭނީ އެނޫން ގޮތެއް ނެތިއްޖެނަމަ އެކަންޏެވެ. އަނެއްކޮޅުން އެންމެ މުހިންމު މިޑްފީލްޑް ކުޅުންތެރިޔާ ރޮޑްރީ އަށް ވެސް މި މެޗުގައި ނުކުޅެވޭނެ އެވެ. ދެ ރީނދޫ ކާޑު ހަމަވެ އޭނާ ވަނީ މި މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

މިއާ ހިލާފަށް އަލްބޭނިއާގެ ފޯވަޑް މިރްލިންޑް ޑަކޫ ސަސްޕެންޑްކުރީ ރީނދުލެއް އަދި ރަތަކާވެސް ނުލަ އެވެ. އޭނާގެ ކުށަކީ އަލްބޭނިއާ އާއި ކްރޮއޭޝިޔާ ކުޅުނު މެޗަށް ފަހު މެގަފޯން ހިފައިގެންހުރެ ސާބިއާ އާއި ނޯތެމެސެޑޯނިއާ ދެކޮޅު ވާހަކަތައް ހިމެނޭ ލަވަކިއުމެވެ. ޔޫއޭފާއިން އޭނާ ދެ މެޗަށް ސަސްޕެންޑްކޮށްފައި ބުނީ ޑަކޫގެ އަމަލަކީ އެ ޖަމާއަތުގެ މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިން އަމަލުކުރަންޖެހޭ އަސާސީ ގަވާއިދުތަކާ ހިލާފު އަމަލެއް ކަމަށެވެ. މިހެންވެ މިރޭގެ މެޗުން މޮޅުވެގެން އަލްބޭނިއާ ދެ ވަނަ ބުރަށް ދެވުނު ނަމަވެސް އޭނާ އަށް ދެ ވަނަ ބުރުގައި ވެސް ނުކުޅެވޭނެ އެވެ.

ގާތްގަނޑަކަށް 2.8 މިލިއަން މީހުން ދިރިއުޅޭ އަލްބޭނިއާ އަކީ ޔޫރަޕުގެ ދެކުނުގައި އޮތް ބޯލްކަން ގައުމެކެވެ. ގައުމުގެ އާބާދީގެ ތިންބައިކުޅެ ދެ ބަޔަކީ މުސްލިމުންނެވެ. އެއީ ޔޫރަޕުގެ އެންމެ ފަގީރު އެއް ގައުމެވެ. އިގްތިސާދީ ގޮތުން މިހާރު ވެސް ގިނަ ބަޔަކު ތިބީ ކެކުޅުމުގެ ތެރޭގަ އެވެ. އަލްބޭނިއާގެ ކޮންމެ މީހަކާ މެހުމާނަކު ވާހަކަ ދައްކާލިޔަސް އޭނާ އަށް މެހުމާންދާރީ އަދާކުރުމަކީ އެމީހުންގެ މަތިވެރި ސިފައެކެވެ. އަލްބޭނިއާގެ އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. 2016 ވަނަ އަހަރުގެ ޔޫރޯ އަކީ އެމީހުންގެ ފުރަތަމަ ބޮޑު މުބާރާތެވެ. ސަޕޯޓަރުންގެ މެދުގައި އަލްބޭނިއާގެ ނަމަކީ ދަ ރެޑް އެންޑް ބްލެކް އެވެ. މިއީ އަލްބޭނިއާގެ ގައުމީ ދިދާގައިވާ ނިޝާނާއި ކުލައަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. ފުޓްބޯޅައިގައި އަލްބޭނިޔާގެ އެންމެ ބޮޑު ވާދަވެރިއަކީ ކޮސޯވޯ އެވެ.

ކަން މިހެން ހުރުމާއެކު ކޯޗު ސިލްވީނިއޯ ބުނީ ފުޓްބޯޅައިން ބޭރުގެ ކަންކަމުގައި މުހިންމު ކުޅުންތެރިން ސަސްޕެންޑްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަލްބޭނިއާގެ ކެޕްޓަން ބެރާތް ޖެމްސީޓީ ވެސް ބުނީ ކުޅުންތެރިން ސިޔާސީ ފުޓްބޯޅައިގެ ތެރެއިން ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ ހިތްވަރުދޭ ކަމެއް ނޫން ކަމަށާއި ޑަކޫ ނެތުމަކީ ޓީމަށް ލިބޭ ދެރައެއް ކަމަށެވެ.

އަނެއްކޮޅުން މިރޭގެ މެޗަށް ނުކުންނައިރު ސްޕޭން އޮތީ ވަރަށް އިތުބާރާއެކުގަ އެވެ. އެއީ އަލްބޭނިއާ އަތުން ދުވަހަކު ވެސް ބަލިވެފައި ނެތުމުންނެވެ. މިހާތަނަށް އަށް މެޗު ކުޅެގެން ހުރިހާ މެޗަކުން ވެސް މޮޅުވީ ސްޕޭނެވެ. ޓީމު ބަދަލުކޮށް، ބެންޗުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުނަސް ސްޕޭނުން އެމީހުންގެ ޝަރަފާއި ގަދަރު ހިފަހައްޓާނެ އެވެ.