ކުޅިވަރު

އިޓަލީއާ ކުރިމަތިލާއިރު ކްރޮއޭޝިއާގެ ދިފާއުގައި ވަރެއްނެތް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިޔާއާ ދެކޮޅަށް އިޓަލީ ނުކުންނަ މެޗަކީ މިހާތަނަށް ފެނިގެންދާނެ އެންމެ ވާދަވެރި މެޗަށް ވެދާނެ އެވެ. މޮޅުވެގެން ނޫން ގޮތަކަށް ކްރޮއޭޝިޔާ އަށް ކުރިއަށް ދެވެން ނެތް މެޗަކީ އިޓަލީ އަށް ވެސް ބަލިވެގެން ފަރުޖައްސާލެވެން އޮތް މެޗެއްނޫނެވެ. ސަބަބަކީ ގްރޫޕުގެ ފަހަތުގައި އޮތް ދެ ޓީމަށް އިޓަލީ ވައްޓާލުމުގެ ފުރުސަތު އޮތުމެވެ.

ކްރޮއޭޝިޔާއާ ދެކޮޅަށް އިޓަލީ ނުކުންނައިރު އެއީ ހުރިހާ ގޮތަކުން އެމީހުންގެ ހައިބަތު ހުރި ގައުމެވެ. ހަތަރު ފަހަރު ވޯލްޑްކަޕް ހޯދާފައިވާ އިޓަލީ އަކީ ޔޫރަޕުގެ ތަށި ވެސް ދެ ފަހަރު ހޯދާފައިވާ އެންމެ ފަހުން ޗެމްޕިއަނުންނެވެ. ތިން އަހަރު ކުރިން ހޯދި ތަށި ދިފާއު ކުރަން އެމީހުން މަސައްކަތް ކުރާއިރު މި މެޗަށް އެންމެ ބޮޑަށް ތައްޔާރުވީ އިޓަލީގެ ކައްކާ ނުވަތަ ޝެފް ކްލައުޑިއޯ ސިލްވެސްޓްރީ އެވެ. އޭނާ އަކީ ޓީމުގެ ޗީފް ޝެފެވެ. އިޓަލީ އަށް އުފަން މީހެކެވެ. މި މެޗުގެ މުހިންމުކަމުން ކްލައުޑިއޯ ސިލްވެސްޓްރީ އިސްކަންދިނީ އޭނާ އަށް ހޮޓަލުން ދީފައިވާ މެނޫ އަށްވުރެ ބޮޑަށް އަމިއްލަ އަށް އިޓަލީވަންތަ ކުޅުންތެރިން ހިތްހަމަޖެހޭނެ ކެއުމެއް ތައްޔާރުކުރުމަށެވެ.

މިރޭގެ މެޗުގެ ކުރިން ކުޅުންތެރިން އިންސާފުކުރުމަށް ކްލައުޑިއޯ އިހްތިޔާރުކުރީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދިއިރު އިޓަލީގެ ކުޅުންތެރިން ކައި އުޅުނު ކެއުމަށެވެ. ޖަރުމަނުގެ ހައިޕޭރިއަން ހޮޓަލުގައި ރޭ އޮތް ޓީމުގެ ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްދީފައިވަނީ ކްލެސިކް ޕާސްތާ އާއި ބަތާއި ތަރުކާރީ އެކަންޏެއްނޫނެވެ. މަޝްހޫރު ސްކައުޑްރާ އަޒޫރާ އެވެ. ވާޖިން އޮލިވް އޮއިލް އާއި ބީފް އަދި އިޓަލީގައި މަޝްހޫރު ޕްރޮޝިއުޓޯ އާއި ޗީޒް އާއި ގެރިކުރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕާމަޒާން އެވެ. މިކެއުން ތައްޔާރުކުރުމަށް ބޭނުންވި ސާމާނު ކްލައުޑިއޯ ގެނެސްފައިވަނީ ސީދާ އިޓަލީންނެވެ.

ކްލައުޑިއޯ ބުނީ މިއިން އެއްވެސް ބާވަތެއް ކައިގެން ކުޅުންތެރިއަކަށް މިހާތަނަށް އެއްވެސް ސިއްހީ މައްސަލައެއް ދިމާވެފައިނުވާއިރު ޖިސްމާނީ ގޮތުން ވެސް މުޅި ޓީމު އޮތީ ފިޓްކޮށް ތިބުމުން އޭނާ އުފާވާ ކަމަށެވެ.

ނަމަވެސް ކޯޗު ލޫސިއާނޯ ސްޕަލެއްޗީ ބުނީ އިޓަލީއަކީ ފުޓްބޯޅައިގެ ކުލަގަދަ އަދި ދިގު މާޒީއެއް އޮތް ބައެއް ނަމަވެސް މިރޭގެ މެޗަށް އެމީހުން ސްޕޭން މެޗުން ފިލާވަޅު ދަސްކުރަންޖެހޭ ކަމަށެވެ. ތައްޓެއް ދިފާއުކުރަން ނުކުންނަ ޓީމަކުން ހަދަންނުޖެހޭ ފަދަ ގޯސްތަކެއް ސްޕޭން މެޗުގައި ހެދިފައިވާ ކަމަށެވެ. އެކަންކަން ރަނގަޅުކޮށްގެން މެނުވީ ކްރޮއޭޝިޔާ ފަދަ ތަޖުރިބާކާރު ޓީމެއްގެ މައްޗަށް ކާމިޔާބު ހޯދަން ދަތިވާނެ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.

މި މެޗަށް ނުކުންނައިރު ކްރޮއޭޝިޔާ ޓީމުގައި ވެސް އަނިޔާގެ އެއްވެސް މައްސަލައެއްނެތެވެ. ނަމަވެސް ކޯޗު ލަޓްކޯ ޑަލިކް ކަންބޮޑުވެފައިވަނީ ދިފާއީ ފާރުގެ ފޫވެއްޓިފައިވާތީ އެވެ. އެންމެ ފަހުގެ ވޯލްޑްކަޕާއި ޔޫރޯގައި ނުވަންނަހާ ގިނައިން މި ފަހަރުގެ މުބާރާތުގައި ކްރޮއޭޝިޔާ ކޮޅަށް ގޯލުވަދެފި އެވެ. ސްޕޭނުން ތިން ގޯލު އަދި އަލްބޭނިއާއިން ޖެހި ދެ ގޯލާއެކު ޖުމުލަ ފަސް ގޯލު ކްރޮއޭޝިޔާ ކޮޅަށް ވަދެފައިވާއިރު މިއީ ކޯޗު ޑަލިކަށް ކުރިން ވެސް ހިޔާލަށް ވެސް ގެނެވިފައިވާ ކަމެއްނޫނެވެ.

ކޯޗު ބުނީ މިހާ ގިނަ އަދަދަނަށް ގޯލު ވަންނަނީ މީގެ ތިން އަހަރު ކުރިއާ އަޅާ ބަލާއިރު މިހާރު ޓީމުގައި ތިބި ކުޅުންތެރިންގެ ގައިބާރު ދެރަވެ، ނޫނީ އުމުރުން ދުވަސްވެގެންނޫން ކަމަށާއި މެޗަށް އެންމެ ފުރިހަމައަށް ސިކުނޑި ތައްޔާރުނުކުރެވޭތީ ކަމަށެވެ. އޭނާ ބުނީ މިރޭގެ މެޗަކީ ކުޅުންތެރިންގެ ހިތާއި ސިކުނޑި ވަރަށް ފުރިހަމަ އަށް ތައްޔާރުކޮށް، ރެފްރީގެ ފުރަތަމަ ކަށިގަނޑުން ފެށިގެން ފަހު ކަށިގަނޑާ ހަމައަށް މެޗު ތެރޭގައި ތިބެންޖެހޭ މެޗެއް ކަމަށެވެ. މިނޫން ގޮތަކަށް އަމަލުކޮށްފިނަމަ ޑަލިކް ބުނީ ހީވެސް ނުކުރާފަދަ ގޮތަކަށް މެޗު އަތުން ބީނވެދާނެ ކަމަށާއި ވިސްނުންތެރިކަމާއެކު މަސައްކަތްކޮށްފިނަމަ އިޓަލީ އަކީ ބަލިނުކުރެވޭނެ ޓީމެއް ކަން ޔަގީން ކަމަށެވެ.

އޭނާ އަދި ބުނީ މީޑިއާތަކުން ކްރޮއޭޝިޔާ އަކީ މާދެރަ ބައެއްގެ ގޮތުގައި ދުނިޔެ އަށް ދައްކަން މަސައްކަތް ކުރި ނަމަވެސް އެއީ ހަގީގަތެއްނޫން ކަމަށެވެ. ފާއިތުވެދިޔަ 25 އަހަރަށް ބަލާއިރު އިނގިރޭސި ގައުމީ ޓީމަށްވުރެ ކްރޮއޭޝިޔާ އަކީ މާބޮޑަށް ވެސް މޮޅު ޓީމެއް ކަމަށެބެ. އިނގިރޭސީންނަށް 58 އަހަރުން ހޯދުނީ އެންމެ މެޑެއްޔެއް ކަމަށާއި ނަމަވެސް 1998 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އޭނާގެ ޓީމުން ވޯލްޑްކަޕުގައި ތިން މެޑަލް ހޯދާފައިވުމުން ކްރޮއޭޝިޔާ އަށް އިހްތިރާމާއި ގަދަރު ދޭން ޖެހޭނެ ކަމަށެވެ. އަދި މިއީ މީޑިއާތަކުގެ ކިބައިން ކޯޗު އެދޭ ވަރަށް ބޮޑު އެދުމެއް ވެސްމެ އެވެ. ނަމަވެސް ވޯލްޑްކަޕުގައި ލިބުނުފަދަ ކާމިޔާބީއެއްގެ ނަސީބު ޔޫރޯގައި ނެތުމަކީ ޑަލިކަށް ތާއީދު މީހުންގެ ވެސް ކަންބޮޑުވުމެކެވެ. އެކަމަކު 1991 ވަނަ އަހަރު މިނިވަން ގައުމަކަށްވި ފަހުން އިޓަލީ އަތުން ބަލިނުވުމަކީ މިރޭގެ މެޗަށް ނުކުންނަ އިރު ކްރޮއޭޝިޔާ ހިތްވަރު ލިބިގަންނަ ކަމެކެވެ.