ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގައި މިރޭ އޮސްޓްރިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން، ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން ވަނީ، އޮސްޓްރިއާ އާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށާއި، އެ ޓީމު އަންޑަރއެސްޓިމޭޓްކޮށްގެން ނުވާނެ ކަމަށް ބުނެފައެވެ.
ކޫމަން މިހެން ބުނީ، މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އޮސްޓްރިއާ ކުޅެނީ އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށްގެން ކަމަށްވާއިރު، ބޯޅަ ލިބޭވަގުތުތަކުގައި ވަރަށް ބޮޑަށް ފަރުވާތެރިވެ، ސަމާލުކަން ދޭންވާނެ ކަމަށް ވެސް ކޫމަން ވަނީ ބުނެފައެވެ.
އަދި ކުރިއަށް އޮތް މެޗުގައި ނެދަލެންޑްސްގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، އެކަމަކު ބައްދަލުކުރަންޖެހޭ ޓީމުގެ ގޮތުން ވެސް ބައެއް ބަދަލުތައް ގެންނަން ޖެހިދާނެ ކަމަށް ކޫމަން ބުންޏެވެ. އެކަމާ ގުޅޭގޮތުން، ޓީމުގެ ފަރިތަކުރުންތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އޮސްޓްރިއާ މެޗަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް ކޫމަން ވަނީ ބުނެފައެވެ.
އޭނާގެ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ގަވާއިދުން ކުޅުމުގެ ފުރުޞަތު ނުލިބޭ ކުޅުންތެރިން ހިމެނޭ ގޮތަށް މުޅި ސްކޮޑުގައި ތިބި އެންމެ ތިބީ އެއް ރޫޚެއްގައި މަސައްކަތްކޮށް، ކާމިޔާބު ހޯދުމަށް ތައްޔާރަށް ކަމަށް ވެސް ކޫމަންގެ ވާހަކައިގައި ފާހަގަކުރިއެވެ.
ނިންމާލަމުން ކޫމަން ބުނީ، އޭނާގެ ޓީމުން 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމުން ސައިކޮލިޖިކަލް އެޑްވާންޓޭޖެއް ލިބޭނެކަމަށް ގަބޫލު ނުކުރާކަމަށާއި، އޮސްޓްރިއާ އިން ވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މެޗާ ބެހޭގޮތުން ނެދަލެންޑްސްގެ ޑިފެންޑަރު، ސްޓެފަން ޑެ ވްރައި ދެއްކި ވާހަކައިގައިވެސް ވަނީ، ހުރިހާ ކުޅުންތެރިން ތިބީ އެއް ރޫޚެއްގައި މަސައްކަތްކޮށް، މެޗު ކާމިޔާބުކުރުމަށް ކަމަށް ބުނެފައެވެ. އެކަމުގެ ސަބަބުން ހުރިހާ ކަމެއް ފަސޭހަވެގެންދާނެ ކަމަށާއި، އެންމެން އެއްކޮށް ގިނަ ކަންތައްތަކެއް މަޝްވަރާކުރެވިފައިވާ ކަމަށް ވެސް ޑެ ވްރައި ބުންޏެވެ. އަދި ޓީމުގެ އެންމެންގެ މެދުގައި ދެއްކޭ ވާހަކަތަކަކީ ޓީމުގެ ބޭރަށް ގޮސްގެން ވާނެ ވާހަކަތަކެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާ އާ ދެކޮޅަށް ނެދަލެންޑްސް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.