ކުޅިވަރު

ޑެންމާކާއި ސާބިއާވެސް ތިންވަނަ ބޭނުމެއް ނޫން


ޑެންމާކާއި ސާބިއާ އަކީ ވެސް ފުޓްބޯޅަ އަށް މޮޅު ދެ ގައުމެވެ. ޑެންމާކަކީ 1992 ވަނަ އަހަރުގެ ހައިރާންކުރުވަނިވި ގޮތަކަށް ތަށި ހޯދި ޓީމެވެ. ސާބިއާ އަކީ ޔޫގޯސްލާވިއާގެ ބަނޑުން އުފަންވި ގައުމަކަށްވުމުން އެމީހުންގެ ހަށިގަނޑުގައި ދައުރަވަމުންދަނީ ފުޓްބޯޅައިގެ ހޫނު ލޭ އެވެ. ނަމަވެސް އިހުގައި އޮތް ފެންވަރު ބަދަލުވެ، މި ދެ ގައުމުގެ މިހާރުގެ ހާލަތު ވަރަށް ތަފާތެވެ. މޮޅު ކުޅުންތެރިން ތިއްބަސް ސާބިއާއަށް ބޮޑު މުބާރާތެއްގައި މިހާތަނަށް ފެންވަރު ދެއްކިފައިނެތެވެ. މިކަން އެންމެ ރަނގަޅަށް ދައކުވައިދީފައިވާ ބަޔަކީ ވެސް ޑެންމާކެވެ.

ސާބިއާ 2006ގައި މިނިވަން ގައުމަކަށްވީ ފަހުން އެމީހުން ނަށް ޑެންމާކް އަތުން މޮޅުވެވިފައިނެތެވެ. އަނެއްކޮޅުން ބޮޑު މުބާރާތެއްގައި ޑެންމާކް އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް އެމީހުންނަށް ވަނީ ނާކާމިޔާބުވެފަ އެވެ. ދެ މެޗު އެއްވަރުވިއިރު އަނެއް ފަސް މެޗުން ވީ ބައްޔެވެ.

ޑެންމާކު ޓީމުގައި މި ފަހަރު ތަރިއެއްގެ ދަރަޖަ ލިބޭ ހަމައެކަނި ކުޅުންތެރިއަކީ ކްރިސްޓިއަން އެރިކްސަން އެވެ. އޭނާ ވަނީ ކުޅުނު ދެ މެޗުގައި 11 ފުރުސަތު ފަހިކޮށްދީފަ އެވެ. މި އަދަދަކީ ޑެންމާކުގެ އެހެން އެއްވެސް ކުޅުންތެރިއަކަށް ބޮޑު މުބާރާތެއްގައި މިހާތަނަށް ކުރެވިފައިވާ ކަމެއްނޫނެވެ.

ސާބިއާ ޓީމަށް ބަލާއިރު އެންމެ ކުރީގައި ތިބި ކުޅުންތެރިންނަކީ ކުލަބު ފުޓްބޯޅައިގައި މޮޅު ކުޅުންތެރިންނެވެ. ނަމަވެސް އެމީހުން މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ފެނުނީ ވަނދު ކުޅުމެކެވެ. މިހެންވެ ކޯޗު ސްޓޮއިކޮވިޗް މިރޭގެ ފުރަތަމަ 11 އަށް ބަދަލު ގެންނާނެ އެވެ. ސައޫދީ ލީގުގެ ކުލަވަރު ކުޑަކޮށް އެންމެ ކުރީގައި ތިބި ފޯވަޑުންގެ ތެރެއަށް ފޯވަޑް ލުކާ ޖޮވިކަށް ހިމަނައިގެން ޓީމު އަތުރާލަން ޖެހުނު ސަބަބަކީ އޭނާ އަކީ އެންމެ ފަހުން ކުޅުނު މެޗުގައި މަރުގެ ތުންފަތްމަތީގައި އޮއްވައި ފަހު ވަގުތު ގޯލު ޖަހައިގެން ޓީމަށް ދިރުން ގެނުވި ކުޅުންތެރިޔާ ކަމުންނެވެ.

ސާބިއާގެ ކޯޗު އަދި ފުރަތަމަ ސިކުންތުން ފެށިގެން އެމީހުން ކުރިއަރައި ގޯލު ޖަހަން މަސައްކަތް ކުރާނެ އެވެ. އިނގިރޭސިންނާ ދެކޮޅަށް ކުޅުނު މެޗާއި އެންމެ ފަހުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މެޗުގައި ބޯޅަ އަތުގައި އޮތަސް ގޯލެއް ނުޖެހި ދިޔަދިއުން ނިމުމަކަށް ގެނެސް މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދުމަކީ ކިހާ ސީރިއަސްކަމެއްކަން އޭނާ ވަނީ ކުޅުންތެރިންގެ ސިކުނޑިތަކަށް ނުހަނު ރަނގަޅަށް ވައްދައިދީފަ އެވެ. ސާބިއާ އަކީ ޓީމުގައި ކިތަންމެ މޮޅު ކުޅުންތެރިން ތިއްބަސް ވަރަށް ގިނަ ފަހަރު އެކްސްޕްރިމެންޓް ކުރާ ޓީމެކެވެ. މާނައަކީ ނަތީޖާ ނެރެ މުބާރާތެއްގެ ފަހު ސްޓޭޖަށް ދަތުރުކުރުމަކީ އެމީހުންނަށް ކުރެވިފައިވާ ކަމެއް ކަމެވެ. ނަމަވެސް މިނިވަންކަމަށް އަލިވިލުމަށްފަހު ކުޅޭ ފުރަތަމަ ޔޫރޯ އަކީ މި ފަހަރުގެ މުބާރާތް ކަމުން ގައުމުގެ ރައްޔިތުންގެ ދަނީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ނަމަވެސް ތަޖުރިބާކާރުންގެ ނަޒަރުގައި ސާބިއާގެ މައްސަލައަކީ ޓީމު ބެލެންސްނުވުމެވެ.