ޚަބަރު

ޕޯޗްގަލް ބަލިކޮށް، ޖޯޖިޔާ ގަދަ 16 އަށް


  • []

ގްރޫޕްގެ އެއްވަނަ ޕޯޗްގަލް 2-0 ން ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމްގެ ތެރެއިން ޖޯޖިޔާ ޖާގަ ކަށަވަރުކޮށްފި އެވެ.

މުބާރާތުގައި އަލަށް ވާދަކުރާ ޖޯޖިޔާ ނޮކުއައުޓް ބުރަށް ދަތުރުކުރީ 4 ޕޮއިންޓާއެކު ތިންވަނަ ހޯދި ޓީމް ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމްތަކުގެ ތެރޭގައި ހިމެނިގެންނެވެ. ގްރޫޕްގެ ދެވަނަ ހޯދި ތުރުކީ އަށްވެސް ލިބުނީ ހަތަރު ޕޮއިންޓެެވެ. އެހެންނަމަވެސް ހެޑް ޓު ހެޑަށް ބަލާއިރު ކުރި ލިބުނީ ޕޯޗްގަލް އަށެވެ.

ޖޯޖިޔާއިން ވަނީ މެޗުގެ ދެވަނަ މިނިޓްގައި ޕޯޗްގަލްގެ ގޯލް ފޫއަޅުވާލާ ލީޑް ނަގާފައެވެ. ލީޑް ނަގައިދިނީ މެޗުގައި މޮޅަށް ކުޅެ ޕޯޗްގަލްގެ ޑިފެންސަށް ބާރުބޮޑުކުރި ކްވިޗާ ކްވަރަސްކޭލިއާ އެވެ. ޕޯޗްގަލް ހާފް ތެރެއިން އެޓީމްގެ ޑިފެންޑަރު އެންޓޯނިއޯ ސިލްވާ ސީދާ ތުރުކީ ކުޅުންތެރިއަކަށް ދިން ޕާސް އެޓޭކަކަށް ބަދަލުކޮށް، ކްވަރަސްކޭލިއާ ލަނޑު ޖެހީ ކީޕަރަށް ފުރުޞަތު ނުދީ ތިރިތިރިން ގޯލްގެ ދުރު ކަނަށް ފޮނުވާލައިގެން ނެވެ.

މެޗުގައި ޖޯޖިޔާގެ ދެވަނަ ލަނޑަކީ ވެސް ޕޯޗްގަލްގެ ޑިފެންޑަރ އެންޓޯނިއޯ ސިލްވާއަށް ހެދުނު ގޯހެއްގެ ނަތީޖާ އެވެ. އޭނާ ތުރުކީގެ ލޫކަ ލޮކޮޝްވިލީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް ލީޑް ފުޅާކުރީ ޖޯޖް މިކާތުޒޭ އެވެ. 57 ވަނަ މިނިޓްގައި ގޯލްގެ ތިރީ ކަނަށް އޭނާ ބޯޅަ ފޮނުވާލީ ކީޕަރަށް އަތުނުވާނެ ސްޕީޑްގައެވެ. ރެފްރީ ޕެނަލްޓީ ދިނީ ފައުލަސްފަހު ދެ އެޓޭކެއްވެސް އުފެއްދި ފަހުން ވީއޭއާރުން ބެލުމަށްފަހު އެވެ.

ކެޕްޓަން ރޮނަލްޑޯ އާއި ކީޕަރު ފިޔަވާ މުޅި ޓީމް ބަދަލުކޮށްގެން ނިކުއިން ޕޯޗްގަލް އިން މެޗު ޑޮމިނޭޓް ކުރިޔަސް ޖޯޖިޔާ އިން ވަނީ ލަނޑު ޖަހަން ފުރުޞަތުތައް ތަނަވަސްކޮށްފައެވެ. 16 ވަނަ މިނިޓްގައި ގޯލާ 30 މީޓަރު ދުރުން ލިބުނު ހިލޭޖެހުން ރޮނަލްޑޯ ފޮނުވާލުމުން ކީޕަރު މަތަކުރި އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޕޯޗްގަލް އަށް ލިބުނު ހިލޭ ޖެހުން ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލުމުން، އަރިމަތީ ދަނޑި ކައިރިން ޑިފެންޑަރ އެންޓޯނިއޯ ސިލްވާ ބޮލުން ޖެހިނަމަވެސް ދިޔައީ ބޭރަށެވެ. އެބޯޅައިގަ ބޮލުން ޖަހަން ރޮނަލްޑޯ ވެސް ފުންމައިގެން އެރިއެވެ.

ޕޯޗްގަލް އަށް ލިބުނު ކޯނަރަކުން 27 ވަނަ މިނިޓްގައި ހުރަސްކުރި ބޯޅަ ކޮންސެއިކާއޯ އަށްވެސް ފޮނުވާލެވުނީ ބޭރަށެވެ. އޭގެކުރިން އޭރިޔާ ތެރެއިން ރޮނަލްޑޯ ޖަރޒީގައި ހިފަހައްޓާ ވައްޓާލާ މަންޒަރު ފެނެއެވެ. އެކަމުގެ ޝަކުވާ ވަރަށް ބޮޑަށްކޮށް ރޮނަލްޑޯ ވަނީ ޕެނަލްޓީ އަކަށް އެޕީލް ކޮށްފައެެވެ. މެޗުގެ ދެވަނަ ހާފްގައި އޭނާ ބަދަލުކުރުމުން ދަނޑުން ފައިބައިގެން ދިޔައީވެސް ނުރުހުންވެ ހުރެއެވެ.

ފުރަތަމަ ހާފްގެ ފަހު ފަނަރަ މިނިޓްގައި އޭރިޔާ ބޭރުން ޕޯޗްގަލްގެ ޔާއޯ ފެލިކްސް ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒެއް ނުވި އެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޕޯޗްގަލް އިން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އެވެ. އިތުރު ވަގުތުގައި ޕޯޗްގަލްގެ ޕެޑްރޯ ނެޓޯ ނެގި ކޯނަރު ގޯލް ލައިން މަތިން ދިފާއުކުރީ ކީޕަރެވެ. މިއީ މެޗުގައި ޕޯޗްގަލްގެ އެންމެ ރަނގަޅު އެޓޭކެވެ.

ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅަ, ގޯލްއެރިޔާ ކުޑަތަންކޮޅެއް ބޭރުން ރޮނަލްޑޯ ފޮނުވާލި ނަމަވެސް ކީޕަރު ކޯނަރަކަށް ބޭރުކޮށްލި އެވެ. ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ހުސްކޮށް ހުރެ ފޮނުވާލަން ޖޯޖިޔާގެ ކްވިޗާ ކްވަރަސްކޭލިއާ އަށް ފުރުޞަތު ލިބުމުން ރަނގަޅަށް ފޮނުވާ ނުލެވުނެވެ. މަޑުމަޑުން ދިޔަ ބޯޅަ ލިބުނީ ކީޕަރަށެވެ. މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖެހުމާ ގާތަށް ޕޯޗްގަލް ދިޔަ އެވެ. ނަމަވެސް އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރީ އެވެ.

މެޗުން ބަލިވިޔަސް 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމަކީ ޕޯޗްގަލް އެވެ. މެޗަށް ނިކުއިން އިރުވެސް އެމަގާމް އޮތީ ޔަގީން ވެފައެވެ. އެކަމަކު ޗެކްރިޕަބްލިކް ބަލިކޮށް ތުރުކީވެސް އޮތީ ހަ ޕޮއިންޓާ އެކުއެވެ. ޗެކްރިޕަބްލިކްގެ މައްޗަށް ތުރުކީން ކުރި ހޯދީ 2-1 ނެވެ. 1-1 ން އެއްވަރުވާން ދިޔަ މެޗު ތުރުކީން ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ޓޯސަން ޖެހި ލަނޑުންނެވެ. މެޗުން މޮޅުވާން ތުރުކީއަށް ލިބުނު އެންމެ ބޮޑު އެޑްވާންޓޭޖަކީ 20 ވަނަ މިނިޓްގައި އެންޓޮނިން ބަރަކް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑް ދެއްކުމެވެ. ތުރުކީ ނޮކްއައުޓް ބުރަށް މިދިޔައީ 16 އަހަރަށް ފަހު އެވެ.