ކުޅިވަރު

އަހަރެމެންގެ ޒިންމާ އަދާކުރެވިއްޖެ: ސަންޔޯލް


ޔޫރޯ 2024 ގެ ގްރޫޕް އެފް ގައި ރޭ ޕޯޗުގަލް އަތުން 0-2 އިން މޮޅުވި މެޗަށްފަހު ދެއްކި ވާހަކައިގައި ޖޯޖިއާގެ ކޯޗު، ވިލީ ސަންޔޯލް ބުނީ، މުބާރާތަށް ޖޯޖިއާގެ ކުޅުންތެރިން އައިއިރު ކޮނޑުގައި މާބޮޑު މަސްއޫލިއްޔަތެއް ނެތް ކަމަށާއި، ހަމައެކަނި ޒިންމާއަކަށް ވެފައި އޮތީ އެ ގައުމުގެ އެންމެހާ ރައްޔިތުން ފަޚުރުވެރިކޮށްދެވުމުން ކަމަށާއި، އޭނާ ގަބޫލުކުރާގޮތުގައި ކުޅުންތެރިން އެކަން އެންމެ ރަނގަޅަށް ކޮށްދީފައިވާ ކަމަށެވެ.

ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސަންޔޯލް ވަނީ، މިދިޔަ ތިން މެޗުގައި ދެއްކި ކުޅުމުގެ ސަބަބުން ބަޔާންނުކުރަން ނޭނގޭ ފަދަ އިހުސާސްތަކާއެކު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށާއި، ކޯޗެއްގެ ހައިސިއްޔަތުން އޭނާގެ ކުޅުންތެރިންނާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.

ތެދަށް ބުނާނަމަ، މެޗުގެ ކުރިން ކުޅުންތެރިންގެ ގާތުގައި ބުނި އެއްޗެއް އޭނާ މިހާރު ހަނދާނެއް ނެތް ކަމަށާއި، އޭރު ދިން މެސެޖަކީ އެމީހުންގެ ފުޓްބޯޅަ ކުޅުމަށް ކަމަށާއި، ބޯޅަ ނެތް ވަގުތުތަކުގައި ޑިސިޕްލިން ދަމަހައްޓާއިރު ބޯޅަ ލިބޭ ވަގުތުތަކުގައި ރަނގަޅަށް ކުޅުމަށް ކަމަށް ވެސް ސަންޔޯލް ވަނީ ބުނެފައެވެ.

އެ ކުޅުންތެރިން ގާތުގައި ބުނީ، މީގެ އަހަރުތަކެއް ކުރީން ޒުވާން އުމުރުގައި ކުޅުނު ގޮތަކަށް މާބޮޑު ވިސްނުމަކާއި ފިކުރެއް އަދި ޕްރެޝަރެއް ނެތި ރީތި ފުޓްބޯޅައެއް ކުޅުމަށް ކަމަށާއި، އެކަންތައް އެ ކުޅުންތެރިން ކޮށްފައިވާ ކަމަށެވެ.

މެޗެއްގައި ކުޅޭ 'ކުޑަ' ޓީމަކަށްވުމުން އެ މެޗަކުން ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވެސް ސަންޔޯލްގެ ވާހަކައިގައި ފާހަގަކުރިއެވެ.

ސްޕެއިނާ ދެކޮޅަށް ގަދަ 16 ގެ ބުރުގައި ވާދަކުރާ މެޗާ ބެހޭގޮތުން ބުނީ، އޭނާގެ ޓީމުން މުބާރާތަށް ކޮލިފައިވުމުން އެކަނިވެސް ހުވަފެނެއްގެ ގޮތުގައި ފުދޭ ކަމަށާއި، އެއަށްފަހު ދެކުނީ ދެވަނަ ބުރަށް ދަތުރުކުރުމުގެ ހުވަފެން ކަމަށާއި، އެކަން ހަގީގަތަކަށް ވެދާނެ ކަމަށް ހީވެސް ނުކުރާ ކަމަށް ސަންޔޯލް ބުންޏެވެ.

އަދި ޕޯޗުގަލް މެޗުގެ ކުރީން، އަނެއް ބުރުގައި ކުޅެން ޖެހޭނެ ބަޔަކާ މެދު ވެސް ނުވިސްނާ ކަމަށާއި، މުބާރާތުގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ދެން އޮތް ބޮޑު ޗެލެންޖަށް ކަމަށާއި، މިހާތަނަށް ކުރިމަތިނުލާހާ ބޮޑު ޗެލެންޖަކަށްވެސް ވެދާނެ ކަމަށާއި، އެކަމަކުވެސް މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން އޭނާގެ ޓީމުން މަސައްކަތްކުރާނީ މުބާރާތުގައި މިހާތަނަށް ދެއްކިފަދަ ކުޅުމެއް ދެއްކުމަށް ކަމަށް ވެސް ނިންމާލަމުން ސަންޔޯލް ވަނީ ބުނެފައެވެ.