ޚަބަރު

މާރާމާރީ ހިންގާ ގްރޫޕްތަކުގެ ލީޑަރުންގެ މައްޗަށް މޮނިކޮން އަމުރު


މާރާމާރީ ހިންގާ ގްރޫޕްތަކުގެ ލީޑަރުންގެ މައްޗަށް މޮނިކޮން އަމުރު ނެރުއްވުމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ނިންމަވައިފިއެވެ.

އިތުރު ބައެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުއްވުމަށް ނިންމަވާފައި މިވަނީ މާލޭގައި ހިގަމުންދާ މާރާމާރީތައް ހުއްޓުވުމަށްކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢުމަރު ނަޞީރު ވިދާޅުވީ މޮނިކޮމް އަމުރު ނެރުވަން ނިންމަވައި، އެކަން ފުލުހުންނަށް އަންގަވާފައިވާ ކަމަށެވެ. އެހެންމަވެސް އެ އަމުރު ނެރުއްވަނީ ކިހާ އަދަދެއްގެ ބައެއްގެ މައްޗަށް ކަމެއް އަދި ނިންމަވާފައި ނުވާކަމަށްވެސް އުމަރު ނަޞީރު ވިދާޅުވިއެވެ.

ޓެރަރިޒަމް ޤާނޫނު ދަށުން މިހާތަނަށް 14 މީހެއްގެ މައްޗަށް މޮނިކޮމް އަމުރުނެރުއްވައި، ޓެގް އަޅުއްވާފައިވެއެވެ. މީގެތެރެއިން އެކަކު އަމުރާ ޚިލާފްވެގެން ޖަލު ބަންދަށް ބަދަލުކުރައްވާފައިވެއެވެ.

މޮނިކޮން އަމުރުގެ ދަށުން މި އަމަރު ނެރުއްވައި، ތަންފީޒުކުރައްވާ މީހުންނަށް ވަކި ގަޑިތަކެއްގައި ގެއިން ބޭރަށް ނުކުމެއެއް ނޫޅެވޭނެއެވެ. އަދި ވަކި ސަރަޙައްދުތަކަކަށްވެސް ނުދެވޭނެއެވެ. އަދި އެ މީހާ ހުންނަ ތަނާއި ދާ ތަންތަން ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.