ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި މިރޭ އިންގްލެންޑާ ދެކޮޅަށް ނިކުތުމުގެ ކުރީން، ސްލޮވާކިއާގެ ކޯޗު، ފްރާންޗެސްކޯ ކަލްޒޯނާ ބުނީ، އިންގްލެންޑުން ކުޅޭއިރު ގްރޫޕެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދައްކާނަމަ އެ ޓީމު ހުއްޓުވަން އުނދަގޫވާނެ ކަމަށެވެ.
ކަލްޒޯނާ މިހެން ބުނީ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އިންގްލެންޑް ހުއްޓުވުމަށްޓަކައި މެޗުގައި އޭނާގެ ޓީމުން އެންމެ ރަނގަޅަށް ސަމާލުވާންޖެހޭނެ ކަމަށާއި، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ޓެކްނިކަލީ، އަދި ފިޒިކަލީ ބެލިޔަސް އެންމެ ވަރުގަދަ ސްކޮޑެއް އޮތީ އިންގްލެންޑްގައި ކަމަށް ވެސް ކަލްޒޯނާ ވަނީ ބުނެފައެވެ.
އިންގްލެންޑާ ބެހޭގޮތުން ދެއްކި ވާހަކައިގައި ކަލްޒޯނާ ވަނީ، މުބާރާތަށް ސްކޮޑް ނެގިއިރު ވެސް އިންގްލެންޑުން އައީ މޮޅު ގިނަ ކުޅުންތެރިންތަކެއް އެ ގައުމުގައި ބައިތިއްބާފައިކަމަށާއި، އެ ޓީމުގެ ހުރި ބަލިފަޔަކީ ކޮބައިކަން ރަނގަޅަށް ބެލުމަށްފަހު އޭގެ އެޑްވާންޓޭޖް ނެގުމަށް މަސައްކަތްކުރަންޖެހޭނެ ކަމަށް ވެސް ބުނެފައެވެ. އަދި އެކަން ކުރުމުގައި ރަނގަޅަށް ސަމާލުވާންޖެހޭނެ ކަމަށާއި އެ ޓީމަކީ ކޮންމެ ވަގުތަކުވެސް ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލްކަން އޮތް ޓީމެއް ކަމަށް ކަލްޒޯނާ ބުންޏެވެ.
އޭނާގެ ވަރަށް ނަސީބު ރަނގަޅު ކަމަށާއި، އެއީ ސްލޮވާކިއާ ޓީމަކީ ވަރަށް ރަނގަޅަށް ފޯކަސްކޮށް، ރަނގަޅު އޮފެންސިވް ފުޓްބޯޅައެއް ކުޅެ، ޑިފެންސަށްވެސް ސަމާލުކަންދޭތީ ކަމަށް ކަލްޒޯނާ ފާހަގަކުރިއެވެ. އެގޮތުން، ބޮޑު މެޗަކަށް ނިކުންނައިރު އެ ހުރިހާ ކަމަކަށް ސަމާލުކަން ދޭން ވާނެ ކަމަށް ވެސް ކަލްޒޯނާ ވަނީ ބުނެފައެވެ.
ކަލްޒޯނާ ބުނީ، އޭނާގެ ހުރިހާ ކުޅުންތެރިންނަށް ވެސް އެންމެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އިންގްލެންޑް މެޗުގައި ރަނގަޅަށް ކުޅޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި އޭނާގެ ޓީމުން މެޗު ކުޅޭނީ އަމިއްލަ ސްޓައިލެއްގައި ކަމަށާއި، ބައެއް ބަދަލުތައް ގެނައި ނަމަވެސް މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކާ އަޅާބަލާއިރު ސްޓައިލަށް ބަދަލެއް ނުގެންނާނެ ކަމަށް ވެސް ކަލްޒޯނާ ބުނެފައިވެއެވެ.
މުުބާރާތުގެ ގަދަ 16 ގެ ބުރުގައި ސްލޮވާކިއާ އާ އިންގްލެންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.