ޚަބަރު

އެމްއެންޑީއެފުން ސެނަހިޔާއަށް ޙަރަދުނުކުރުމަށް އަންގައިފި


އެމްއެންޑީއެފްގެ މެޑިކަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ސެނަހިޔާ ހޮސްޕިޓަލަށް އެމްއެންޑީއެފްގެ ބަޖެޓުން ޚަރަދުކުރެއްވުން ހުއްޓާލެއްވުމަށް އޮޑިޓަރ ޖެނެރަލް އަންގަވައިފިއެވެ.

އޮޑިޓް އޮފީހުން ޢާއްމުކުރެއްވި ޑިފެންސް މިނިސްޓްރީގެ ދެހާސް ސާދަވަނަ އަހަރުގެ އޮޑިޓް ރިޕޯރޓްގައި ވަނީ ދެހާސް ސާދަވަނަ އަހަރާއި ދެހާސް ތޭރަވަނަ އަހަރު ސެނަހިޔާ ހޮސްޕިޓަލަށް ޑިފެންސް މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރައްވާފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށެވެ. ސެނަހިޔާ ހޮސްޕިޓަލްގެ ފެނާއި ކަރަންޓާއި، ޢިމާރާތުގެ މަރާމާތަށް ޑިފެންސް މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރެއްވުމަށް ހުއްދަ ދެއްވާފައިވަނީ އެ ހޮސްޕިޓަލަށް ފައިދާވަންދެންކަމަށެވެ. ސިފްކޯގެ މާލީ ބަޔާންތައް ދައްކާ ގޮތުން ދެހާސް ތޭރަވަނަ އަހަރު ފައިދާގެ ގޮތުގައި ސެނަހިޔާ ހޮސްޕިޓަލަށް ތިން މިލިއަން ތިން ސަތޭކަ ހަތްހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން އޮޑިޓް ރިޕޯރޓްގައި ފާހަގަކުރައްވާފައިވެއެވެ. އަދި ދެހާސް ސާދަވަނައަހަރު ދެ މިލިއަން ތިންސަތޭކަ ތިރީސް އަށްހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށްވެސް އޮޑިޓް ރިޕޯރޓްގައި ފާހަގަކުރައްވާފައިވެއެވެ. 

ދެހާސް ސާދަވަނައަހަރު ސެނެހިޔާ ހޮސްޕިޓަލަށް ފައިދާވީ ނަމަވެސް އެއަހަރު އެތަނުގެ ކަރަންޓް ބިލަށް އެއްމިލިއަން ހަތްސަތޭކަ ސާޅީސް ހަތަރު ހާސް ހަ ސަތޭކަ ނަވާވީސް ރުފިޔާއާއި ފެން ބިލަށް ނުވަދިހަ ހާސް ހަ ސަތޭކަ ފަސްދޮޅަސް ރުފިޔާ ޑިފެންސް މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރައްވާފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެ ޚަރަދުތައް ޑިފެންސް މިނިސްޓްރީން ކުރައްވާފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށާއި އެ ފައިސާ ހޯއްދަވައި ދައުލަތުގެ މާލިއްޔާއަށް ޖަމާކުރެއްވުމަށް ޑިފެންސް މިނިސްޓްރީއަށް އޮޑިޓަރ ޖެނެރަލް އަންގަވާފައިވެއެވެ.