ކުޅިވަރު

މީހަކަށް މީހަކު ނަގައިފި މޮޅީ އިނގިރޭސިން، ޓީމު ވަންތަކަަން އޮތީ ސްލޮވާކިޔާގައި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްލޮވާކިޔާ އާއި އިނގިރޭސިން ވާދަކުރާ މެޗަކީ ތަފާތުދެ ނަޒަރިއްޔާތެއް. އިނގިރޭސި ސަޕޯޓަރުންނަށް އެއީ ކޮފީ ވިއްކާ މީހަކު ގެންގުޅޭ އާދައިގެ ޓީމެކެވެ. އެއީ ޔޫރަޕުގައި އާރެއް ބާރެއްނެތް ބައެކެވެ.. އިނގިރޭސިންނާ ވަރުން އެޅިގެންވާ ވަރުގެ ޓީމެއްނޫން. މިހެންވެ ފަސޭހަކަމާއެކު އިނގިރޭސިން މޮޅުވާންޖެހޭނެ އެވެ.

އިނގިރޭސި ސަޕޯޓަރުންގެ މި ނަޒަރުން ދެކޭއިރު ސްލޮވާކިޔާގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ ކަލްޒޯނާ ބުނީ އެއީ ރަނގަޅު ވާހަކައެއް ކަމަށެވެ. ވަކިވަކި ކުޅުންތެރިންނަށް ބެލި ނަމަވެސް އިނގިރޭސީންނަކީ ހާސްބައި މޮޅު ޓީމެއް ކަމަށާއި މި ފަހަރުގެ ޔޫރޯއަށް ކޮލިފައިވި ގައުމުތަކުގެ ތެރޭގައި އެންމެ މޮޅު ސްކޮޑެއް އޮތީ ވެސް އިނގިރޭސި ޓީމުގައި ކަމަށެވެ. މިހެންވެ މީހަކަށް މީހަކު ނަގައިގެން ކުޅެން އުޅެފިނަމަ ޔަގީނުން ވެސް އޭނާގެ ޓީމު ބަލިވާނެ ކަމަށެވެ. ކޯޗު ބުނީ މިރޭގެ މެޗުގައި އިނގިރޭސީންގެ މައްޗަށް ކުރިހޯދަން ކުރަންޖެހޭ ކަމަކީ ގަދަ ހިތްވަރާއެކު ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށް. އެކުލުންތެރި ބައެއްގެ ގޮތުގައި ދެމިތިބެގެން ކަމަށެވެ.

ކަލްޒޯނާ ބުނީ އިނގިރޭސި ޓީމުން މަދުވަނީ ޓީމުވަންތަކަމާއި ގައުމަށްޓަކައި ޖިހާދުވުމުގެ ސިފަކަމަށެވެ. ނަސީބު ރަނގަޅު ކަމުން މިއީ އޭނާގެ ޓީމުގެ ސިފަތަކުގެ ތެރެއިން އެންމެ މުހިންމު އަދި މިރޭގެ މެޗުގައި އެންމެ ބޮޑަށް ދައްކައިދޭން ޖެހޭ ކަންތައްތަކެވެ. ކޯޗު ބުނީ ސްލޮވާކިޔާގެ ރައްޔިތުންގެ ފުރަތަމަ އެދުމަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައިދިއުން ކަމަށާއި އެ އަމާޒު ވާސިލްވުމުން އޭނާގެ ޓީމަށް މިހާރު ޕްރެޝަރެއްނެތި ކުރިއަށް ދިއުމަށް މަގު އަމާންކުރެވިއްޖެކަމަށެވެ.

މިއާ ހިލާފަށް އިނގިރޭސި ޓީމު އޮތީ އިންތިހާ އަށް ޕްރެޝަރުގަ އެވެ. އިނގިރޭސި ސަޕޯޓަރުންނާއި ތަޖުރިބާކާރުން ދަނީ ޓީމަށް އިންތިހާ އަށް ފާޑުކިޔަމުންނެވެ. އެޓޭކަށްވުރެ ބޮޑަށް ދިފާއީ ގޭމަކަށް އިސްކަންދޭ ވާހަކަ އާއި ކުޅޭ ފޯމޭޝަން ކަމުނުދާ ވާހަކަ އާއި ފަހުވަހުތު ކޯޗު ގެންނަ ބަދަލުތަކާ މެދު ވެސް ދަނީ އިންތިހާ އަށް ފާޑުކިޔަމުންނެވެ.
މިހެންވެ މިރޭގެ މެޗާ ކުރިމަތިލާއިރު ކޯޗު ގެރެތް ސައުތުގޭޓް ވެސް ހުރީ ކަރުތާފެނުގަ އެވެ. އޭނާ ބުނީ އިނގިރޭސި ގައުމީ ޓީމާ ހަވާލުވިއިރު އެންމެ ރަނގަޅު ނަސޭހަތެއްދިނީ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ކަމަށާއި އެވާހަތަކުގެ ތެދުކަން މިއަދު އިހުސާސް ކުރެވޭ ކަމަށެވެ. ވެންގާ އޭނާ ގާތުގައި ބުނީ ގައުމީ ޓީމުގައި ރަނގަޅު މަސައްކަތެއްކުރަން 10 ވަރަކަށް އަހަރު ހުރެވިދާނެ ކަމަށާއި އެކަމަކު ކުރެވޭ އެންމެ ކަމަކުން، ނުކުންނަ އެންމެ ނަތީޖާއަކުން، މޮޅުނުވިދާ ހަމައެކަނި މެޗުގެ ސަބަބުން މާދަމާ ވެސް ވަޒީފާ ދޫކޮށްފައިދާން ޖެހިދާނެކަން ދަނެގެން ހުރުމަށެވެ.

ސައުތު ގޭޓް ގައުމީ ޓީމުގައި މިހާރު އަށެއްކަ އަހަރުވެއްޖެ އެވެ. އިނގިރޭސި އެފްއޭއިން އޭނާގެ ކޮންޓްރެކްޓް އާކުރަން ބޭނުންވި ނަމަވެސް އެކަމަށް އާނ ބަސް ބުނަން އޭނާ މިހާރު ބޭނުންނުވަނީ ޖެހިޖެހިގެން ކުޅުނު ބޮޑު މުބާރާތްތަކުގައި ތައްޓާ ހަމައަށް ދެވިފައިނުވާތީ އެވެ. ހާއްސަކޮށް މި ފަހަރުގެ މުބާރާތުގައި ނެރޭ ނަތީޖާ އާއި ދައްކާ ކުޅުމަކީ އޭނާ ކޯޗުކަމުގައި ދެމިހުންނާނެތޯ ކަނޑައަޅައިދޭނެ ލޯގަނޑެވެ. އެކަމަކު އިނގިރޭސި ނޫސްވެރިން މިހާރު ވެސް ބުނަމުންދަނީ ތަށި ލިބުނަސް ސައުތުގޭޓް ކޯޗަކަށް ކަމުނުދާ ކަމަށެވެ. އޭނާ އަށް ފުރުސަތު ދެވިއްޖެކަމަށް. އާ ކޯޗަކު ހޯދަންވީ ކަމަށެވެ.

މިފަދަ ވާހަކަތަކަށް ބާރު ލިބެނީ އިނގިރޭސިންނަށް މިހާތަނަށް ޖެހިފައިވަނީ އެންމެ ދެ ގޯލު ކަމަށްވުން ކަމަށެވެ. ފުރަތަމަ މެޗުގައި މޮޅު ގޯލެއް ޖެހި ފަހުން ޖޫޑް ބެލިންހަމް ވިދުން ފަނޑުވި ނަމަވެސް ކޯޗާއި ކެޕްޓަން ހެރީކޭން ބުނީ އުމުރުން 21 އަހަރުގައި އެހެން ދުނިޔެއެއްގައި އުޅުމުގެ ނަސީބު ލިބޭނީ މަދު ކުޅުންތެރިއަކަށް ކަމަށާއި ބެލިހަމް އުޅެނީ އެހެން ކުޅުންތެރިންނާ ތަފާތު އުސްމިނެއްގައި ކަމަށެވެ.

އަނެއްކޮޅުން މި ދެ ޓީމުގެ މާޒީ ބުރަވަނީ އިނގިރޭސިން ކޮޅަށެވެ. މިހާތަނަށް ހަ މެޗު ކުޅެގެން ފަސް މެޗު އިނގިރޭސިން ވަނީ ކާމިޔާބުކޮށްފަ އެވެ. ބަލިވީ 2016 ވަނަ އަހަރުގެ ޔޫރޯގަ އެވެ. ނަމަވެސް ބައިކޮޅަށް ގޯލެއް ވައްދާނުލައި ނިންމާލުމަކީ އިނގިރޭސިންގެ މިހާރުގެ ޓީމު ވަރަށް ފަރިތަކަމެކެވެ. ހާއްސަކޮށް ކީޕަރު ޕިކްފޯޑް ގޯލުގައި ހުރެގެން މިކަން ކުރުމަކީ އަދި މާ ފަސޭހަކަމެކެވެ. އިނގިރޭސިން އިނގިލިކުރީގައި އަޅާފައިވާ އަނގޮޓި އަކީ މި މުބާރާތުގައި އެމީހުންގެ ކާމިޔާބީ އަށް މަގު ފަހުކޮށްދޭން ގެންގުޅޭ އެންމެ މުހިންމު އާލާތެކެވެ ޓީވީ ތަރި ކިމްކަރްދާޝިއަން އަދި ޕްރިންސް ހެރީ ފަދަ ޝަހުސިއްޔަތުން ވެސް އަޅާ އޯރާ ބްރޭންޑްގެ މި އޮނގިޓިން ކޮންމެ ކުޅުންތެރިއެއްގެ ހަރަކާތްތައް މޮނިޓަކޮށްދޭނެ އެވެ.

އަނެއްކޮޅުން އިނގިރޭސި ކުޅުންތެރިންގެ އަނބިންނާއި ލޯބިވެރިންގެ ކަންކަމަކީ ވެސް އެސޯސިއޭޝަނާއި ޓީމަށް ބޮޑު ބޮލުރިހުމެކެވެ. ކައިލް ވޯކާގެ ދެ ލޯބިވެރިން އެކަކު އަނެކަކާ ދިމާނުވެ ތިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ވެސް އާދައިގެ ކަމެއްނޫނެވެ. ޓްރިޕިއާގެ ލޯބިވެރިވާ އޭނާ ދެކެން ޖަރުމަނަށް ނާންނަ ވާހަކައިގެ އަޑު ގަދަވެފައިވާއިރު ފިލް ފޮޑެން ޓީމާއެކު އެހުރީ ތިން ވަނަ ދަރިފުޅު ވިއްސައި ލޯބިވެރިވާ އަށް ބޮސްދީފައި އައިހެވެ.