މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް އެންމެ ގިނަ ބަޔަކު ތޮޅެނީ އިނގިރޭސި ގައުމީ ޓީމާ އެވެ. އެކަމަކު ޓީމާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ހިނގަނީ އިނގިރޭސި ކަނާތު ބެކް ކައިލް ވޯލާގެ ލޯބީގެ ކުޅިގަނޑެވެ. އުމުރުން 34 އަހަރުގެ ވޯކާ އަކީ އިނގިރޭސި ޓީމުގެ އެންމެ ސީނިއާ ކުޅުންތެރިޔާ އެވެ. އިނގިރޭސި ޗެމްޕިއަން ކުލަބު މެންޗެސްޓާ ސިޓީގެ ކެޕްޓަނެވެ. ނަމަވެސް އޭނާގެ ދެ ލޯބިވެރިންގެ ކޯޅުމާހެދި މުޅި ޓީމަށް ވެސް ވަނީ އެކަމުގެ ހިޔަނި އެޅިފަ އެވެ.
ކުރީގެ އަންހެނުންނާއި ފަހުގެ ލޯބިވެރިޔާ އަށް، ވޯކާ އަށް ވަނީ ޖުމުލަ ހަ ކުދިން ލިބިފަ އެވެ. މައްސަލަ ބޮޑުވީ ވޯކާ އޭނާގެ ފަހުގެ ލޯބިވެރިޔާ ލައުރީން ގުޑްމަން ދަނޑަށް ވަނުމަށް ހުރަސް އަޅަން އުޅުމުންނެވެ. ގުޑްމަން ބުނީ ވޯކާ އޮތީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ކައިރޯ މެޗު ބަލަން ގެންދަން ވައުދުވެފައި ކަމަށާއި ނަމަވެސް ފަހުން ދަނޑަށް ވަނުމަށް ބޭނުންވާ ފާސްދޭން ދެކޮޅު ހެދީ ކަމަށެވެ.
މިކަމާ ރުޅިއަރައިގަނެ ލައުރީން ވަނީ ކޮންމެ ގޮތަކަށް ވެސް ކައިރޯ އަށް ބައްޕަ ކުޅޭ ތަން ދެއްކުމަށް ދަނޑަށް ދާން ޖަރުމަނަށް ގޮސްފަ އެވެ. އިނގިރޭސި ކުޅުންތެރިންގެ އާއިލާތަކަށް ދަނޑަށް ވަންނަން ދޭ ފާސް ނުލިބިއްޖެނަމަ ބޮޑު އަގުގައި ޓިކެޓް ގަނެގެން ވެސް އޭނާ ހުރީ ދަނޑަށް ވަންނަން ތައްޔާރުވެގެންނެވެ. ގުޑްމަންގެ އަމަލުތައް ހުރި ގޮތުން ވޯކާ ފަހުން ވަނީ ގޮތްދޫކޮށް، ދަރިފުޅު ގޮވައިގެން ގުޑްމަނަށް ދަނޑަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ.
އެކަމަކު ޑެންމާކް މެޗުގައި އޭނާ އާއި ދަރިފުޅު ކައިރޯ އަށް ޖާގަ ދިނީ އިނގިރޭސި ކުޅުންތެރިންގެ އަނބިންނާއި އާއިލާގެ މެމްބަރުންނާއި ލޯބިވެރިންނާއި ދަރިންނަށް ހާއްސަކޮށްފައިވާ ހާއްސަ އޭރިއާއިން ބޭރުންނެވެ. އެ ދެމައިންނަށް ތިބެން ޖެހުނީ ވަކިން ދަނޑުގެ އަނެއް ފަރާތުގަ އެވެ. އިނގިރޭސި އެފްއޭއަށް ވޯކާ އަންގާފައި އޮތީ ގުޑްމަން އާއި ކުރީގެ އަންހެނުން އަނީ ކިލްނާ އަށް އެކަކު އަނެކަކު ނުފެންނާނެހެން ކަންކަން އިންތިޒާމްކޮށްދިނުމަށެވެ. އެއީ އެ ދެމީހުން މުޑިއަރައިފިނަމަ ތަޅައިގެންފާނެ ކަމުގެ ބިރުހީވާތީ އެވެ.
މިހެންވެ ކުޅުންތެރިންގެ އާއިލާތަކަށް ހާއްސަކޮށްފައިވާ ބައިގައި ބޭތިއްބީ ކުރީގެ އަންހެނުންނާއި އޭނާގެ ހަތަރު ކުދިންގެ ތެރެއިން ދަނޑަށް ގެންދިޔަ ތިން ކުދިންނެވެ. މިއިން ކޮންމެ ކުއްޖަކު ވެސް ހުރީ ދަނޑުގައި ވޯކާގެ ޖާޒީ ނަންބަރު ކަމަށްވާ ދޭއް ޖަހާފައިވާ ޖާޒީ ލައިގެން އޭގެ ފުރަހަގުގައި "ބައްޕަ" މި ނަން ޖަހައިގެންނެވެ. މިފަދަ ޖާޒީއެއް ގުޑްމަނާއި ވޯކާގެ ދޮށީ ދަރިފުޅު ކައިރޯ އަށް ފޮނުވި އެވެ.
އެކަމަކު މައްސަލަ ގޯސްވީ މެޗު ނިންމާފައި ވޯކާ ކުރީގެ އަންހެނުންނާއި އޭނާގެ ތިން ދަރިންގެ ގާތަށް ދިއުމުންނެވެ. އެކުދިންނާއެކު ހީ ސަމާސާ ކުރާ ފޮޓޯތައް ސޯޝަލް މީޑިއާގައި ފެތުރިގެންދިޔައީ ފަތުއަޑުކިޔާފަ އެވެ. އިނގިރޭސި ބައެއް މީޑިއާތަކުން ބުނަނީ ވޯކާ ފުރަތަމަ ދިޔައީ ގުޑްމަންގެ ދަރިފުޅު ކައިރޯ ގާތަށް ކަމަށެވެ. އެކަމަކު ދެތިން މިނިޓް ހޭދަކޮށްފައި އޭނާ އަވަހަށް އަނެއް ތިން ކުދިންގެ ގާތަށް ދިޔައީ ކަމަށެވެ. އަނެއްބައި ނޫސްތަކުން ބުނަނީ ވޯކާ ގުޑްމަންގެ ގާތަށް ނުދާ ކަމަށާއި އޭނާގެ އިންތިޒާރުގައި ހުއްޓައި ތިން ދަރިންނާއި އެކުދިންގެ މަންމަ ގާތަށް ދިއުމުން ގުޑްމަން ރުޅިއިސްކޮށް ކައިރޯ ގޮވައިގެން ދަނޑުން ނުކުމެގެން ދިޔައީ ކަމަށެވެ.
ކޮންމެއަކަސް މިމައްސަލާގައި ގުޑްމަން ކިތަންމެ ރުޅިއަޔަސް އިނގިރޭސި ކުޅުންތެރިންގެ އާއިލާގެ ހާއްސަ އޭރިޔާއިން ޖާގަ ލިބޭނީ އަދިވެސް އަނީ ކިލްނާ އަށެވެ. ސަބަބަކީ އެހެން ކުޅުންތެރިންގެ ލޯބިވެރިންނާއި އާއިލާތަކާއި އަނީކިލްނާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމެވެ. އެކުގައި ނަގާފައިވާ ފޮޓޯތައް ހިއްސާ ކުރަމުން ކުޅުންތެރިންގެ އަނބިންނާއި ލޯބިވެރިން ބުނަމުންދަނީ އެމީހުން ދަންނަ ވޯކާގެ ލޯބިވެރިއަކީ އަނީކިލްނާ ކަމަށާއި ގުޑްމަންއަކީ ނުދަންނަ ބީރައްޓެއްސެއް ކަމަށެވެ. އަނީކިލްނާ ވޯލްކާ ކުޅޭ މެޗުތަކަށް އައިސް އުޅޭތައް އެތައް ދުވަހެއްވެއްޖެކަމަށާއި އެމީހުންގެ ރަހުމަތްތެރިއަކީ އޭނާ ކަމަށެވެ.
ވޯކާ އާއި ގުޑްމަންގެ ލޯބީގެ ކުޅިގަނޑު ފަޅާއެރީ 2020 ވަނަ އަހަރު އެ ދެމީހުންނަށް ފުރަތަމަ ދަރިފުޅު ލިބުމުންނެވެ. އެއިރު އަނީކިލްނާ އަށް ތިން ދަރިން ތިއްބެވެ. މިކަމާ ހިތްހަމަނުޖެހިގެން ވަރިވާން ނިންމީ އަނީކިލްނާ އެވެ. އެކަމަކު ވޯކާ ހުރީ މިހާރު ހަތަރު ކުދިންގެ މަންމަ ދޫކޮށްލާ ގޮތަކަށްނޫނެވެ. އެކަމަކު ވައުދާއި އަހުދު އުވާލައި ވޯކާ މަތިމައްޗަށް ގޯސްކަން ހެދިކަން ދެ ވަނަ ފަހަރަށް ފަޅާއެރީ ގުޑްމަނަށް ދެ ވަނަ ދަރިއަކު ލިބުނު ހިސާބުންނެވެ. މިއާއެކު އެއްކޮށް އޭނާއާ ދުރުވާން ވޯކާ މަސައްކަތް ކުރި ނަމަވެސް އަނީ ކިލްނާ މިކަމެއް ގަބޫލެއް ނުކުރެ އެވެ. އެއީ ގުޑްމަން ދިރިއުޅެން 2.8 މިލިއަން ޔޫރޯއަށް ގެއެއްވެސް ގަނެދީފައިވާތީ އެވެ. އިނގިރޭސިން މުބާރާތުގައި ކުރިއަށްދާ ވަރަކަށް މި މައްސަލަ ހޫނުވާނެ އެވެ.