އިތުރު ވަގުތުގައި ބެލިންގހަމް ޖެހި ބައިސިކަލް ކިކް ގޯލުން ސަލާމަތްވެ, ޔޫރޯ ފުޓްބޯޅަ މުބާރަތުގެ ކްއާޓާ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފި އެވެ. އިންގްލެންޑް ކްއާޓާ ފައިނަލުން ޖާގަ ހޯދީ 1-0 ން ސްލޮވާކިޔާ ކުރީގައި އޮވެ, އިންގްލެންޑް ކަޓާނެ ކަމަށް ބެލެވިފައި ވަނިކޮށް, އިތުރު ވަގުތުގެވެސް ފަހު ސިކުންތު ކޮޅުގެ ތެރޭގައި ބެލިންގހަމް ޖެހި މޮޅު ގޯލުން ނަތީޖާ ހަމަހަމަވެ, ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައި ކުރި ހޯދައިގެންނެވެ. އިންގްލެންޑް މެޗު ކާމިޔާބުކުރީ 2-1 ނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސްލޮވާކިޔާއިންނެވެ. 25 ވަނަ މިނިޓްގައި އިންގްލެންޑް ސިއްސުވާލީ އިވާން ޝްރާންޒް އެވެ. އުފެއްދުންތެރި ކުޅުމާއެކު ކުރިއަށް އަރާ ޑޭވިޑް ސްޓްރެލެކް ހުސްކޮށްލާފަ ޖައްސާލުމުން އިވާން ޝްރާންޒް މިސްޓޭކެއް ނަހަދާ ބޯޅަ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. މިއީ މެޗުގައި އިވާން ޝްރާންޒްގެ ހަވަ ޓަޗެވެ. މިނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ފަސް މިނިޓް ކުޅުން ނިމި ހަވަނަ މިނިޓްގައި ބެލިންގހަމް ލަނޑު ޖެހީ ކައިލް ވޯކާ އަރިމަތިން އެއްލި ބޯޅަ މާކް ގޮއެހީ ބޮލުން ފަހަތަށް ޖައްސާލިބޯޅަ ބައިސިކަލް ކިކަކުން ގޯލަށް ފޮނުވާލައިގެންނެވެ. ބޯޅަ ގޯލަށް ވަންއިރު ސްލޮވާކިޔާ ކީޕަރު ހުރީ ހުއްޓަން އަރާފައެވެ. މިއީ މުޅި 90 މިނިޓްގެ މެޗުގެ ތެރޭގައި އިންގްލެންޑުން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބޯޅައެވެ. މިނަތީޖާއާއެކު މޮޅުވާނެ ޓީމެއް ކަނޑައަޅަން އިތުރު ވަގުތުގެ ދެހާފް ކުޅެން ޖެހުނެވެ.
އިންގްލެންޑުން މެޗު އަނބުރާލީ އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ ކުޅުން ފަށާ ފުރަތަމަ މިނިޓްގައެވެ. އިނގިރޭސި ޖަރޒީގައި ޔޫރޯ މެޗަކަށް ފުރަތަމަ ފަހަރަށް ނިކުއިން އިވާން ޓޯނީ ބޮލުން އޭރިޔާ ތެރެއަށް ޖައްސާލި ބޯޅަ ގޯލް އޭރިޔާ ތެރެއިން ކެޕްޓަން ހެރީ ކޭން ގޯލަށް ފޮނުވާލީވެސް ބޮލުންނެވެ. ބޯޅަ ގޯލަށް ވަންއިރު ސްލޮވާކިޔާގެ ދެ ޑިފެންޑަރުންނާއި ކީޕަރު ވެސް ގޯލް އޭރިޔާ ތެރޭގައި ތިއްބެވެ.
މެޗުން ހިތްދަތި ގޮތަކަށް ބަލިވެ މުބާރާތުން ކެޓިޔަސް މުޅި މެޗުގައިވެސް ސްލޮވާކިޔާއިން ވަނީ ޓީމެއްގެ ގޮތުގައި ރަނގަޅަށް ރޭވުންތެރިކަމާއެކު ކުޅެ, ފުރުޞަތުތައްވެސް ހޯދާފައެވެ. އަދި އިންގްލެންޑް ޕްރެޝަރަށް ދުއްވާލިއެވެ. ޕްރެޝަރުގައި ކުޅުނު އިންގްލެންޑް ކޮޅަށް ފުރަތަމަ ހަމަލާވެސް އުފެއްދީ ސްލޮވާކިޔާއިންނެވެ. ފަސް ވަނަ މިނިޓްގައި ލޫކަސް ހަރަސްލިން އޭރިޔާ ތެރެއަށް ވަދެ, އަރިމަތީގައި ހުރި ޑޭވިޑް ހެންކައު އަށް ޖައްސާލުމުން ފޮނުވާލި ބޯޅަ ބޭރުވީ ގޯލްގެ އަރިމަތި ދަނޑި ކައިރިންނެވެ.
ފުރަތަމަ ހާފްގައި އިންގްލެންޑްގެ ފުރަތަމަ އެޓޭކަކަށް ވީ ނުވަ ވަނަ މިނިޓްގައި އޭރިޔާ ތެރޭގައި މުޅިން ހުހަށް ހުރެ ކިއަރަން ޓްރިޕިއާ ފޮނުވާލި ބޮޅައެވެ. މުޅިން ހުހަށް ހުރެ އެއްފަހަރުން ގޯލަށް ފޮނުވާލަން އުޅުނު ނަމަވެސް އޭނާއަށް ފޮނުވާލެވުނީ ހުރި ދިމާލުން މައްޗަށެވެ. އޭގެ ދެ މިނިޓް ފަހުން ސްލޮވާކިޔާއިން ލަނޑެއް ޖެހުމާ ގާތަށް ދިޔައެވެ. ނަމަވެސް ލޫކަސް ހަރަސްލިން އޭރިޔާ ތެރެއަށް ވަދެ ތިން ކުޅުންތެރިންގެ ތެރެއިން ފޮނުވާލި ބޯޅަ ކުޅުންތެރިއެއްގައި ގައިގަ ޖެހި ބްލޮކްވީއެވެ. ފުރަތަމަ ހާފްގައި ފަހު ފުރުޞަތު ހޯދީ އިންގްލެންޑުންނެވެ. ހާފްގެ އިތުރު ވަގުތުގައ އޭރިޔާ ކަނާ ދިމާލުން ލިބުނު ހިލޭ ޖެހުން ފޮޑެން ފޮނުވާލުމުން ކީޕަރު ދިފާއުކުރި އެވެ.
ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި އިންގްލެންޑުން އުއްމީދެއް ހޯދާ އުފާފާޅު ކުރިއެވެ. ޓްރިޕިއާ ގޯލް އޭރިޔާ ތެރެއިން ފޮޑެން އަށް ޖައްސާލުމުން މަޑުމަޑުން ގޯލްގެ ތެރެއަށް ފޮނުވާލާ އުފާފާޅުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ޖެހިގެން އައި މިނިޓްގައި ކޭން ތިރިން ގޯލްގެ ކަނަށް ފޮނުވާލި ބޯޅަ މަތިން ބޭރަށް ދިޔައީ ސްލޮވާކިޔާ ޑިފެންޑަރެއް ފައިގަ ޖެހިފައެވެ. އޭގެ ފަހުން ފެނުނީ އިންގްލެންޑުން ހެދި ބޮޑު މިސްޓޭކެއްގެ ސަބަބުން ސްލޮވާކިޔާއަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. 54 ވަނަ މިނިޓްގައި އިންގްލެންޑަށް ލިބުނު ހިލޭ ޖެހުން ޖައްސާލެވުނީ ސެންޓަރ ސަރކަލް ތެރޭގައި ހުރި ސްލޮވާކިޔާގެ ސްޓްރެލެކް އަށެވެ. ކީޕަރު ޕިކްފޯޑް ކުރިއަށް ނިކުމެ ހުރުމުން އެއްފަހަރުން ގޯލަށް ފޮނުވާލި ނަމަވެސް ނާކާމިޔާބުވީ ގޯލާ އަމާޒުނުވެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިއުމުންނެވެ.
77 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ފޮޑެން އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ކޭން ބޮލުން ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވިއެވެ. މުޅި މެޗުގައިވެސް އިންގްލެންޑްގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ 80 ވަނަ މިނިޓްގައި ރައިސްގެ ފަރާތުންނެވެ. ޑީއޭރިޔާ ބޭރުން ރައިސް ފޮނުވާލި ބާރު ބޯޅަ ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. ރައިސް ނިންމައިގެން ހުރީ އެބޯޅަ ގޯލަށް ވަންނާނެ ކަމަށެވެ. ދަނޑީގައި ޖެހިފައި ނިކުއިން ވަގުތު އޭރިޔާ ތެރެއިން ހެރީ ކޭން ފޮނުވާލުމުން ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ.
އިންގްލެންޑުން ލީޑް ނެގިފަހުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށްވެސް ސްލޮވާކިޔާ ދިޔައެވެ. އެކަމަކު ގޯލްއޭރިޔާ ތެރެއިން ޕީޓަރ ޕެކަރިކް އަށް ބޯޅަ ފޮނުވާލެވުނީ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅު ސްލޮވާކިޔާއިން ފޮނުވާލި ހަމަލާވެސް ކީޕަރު ޕިކްފޯޑް ދިފާއު ކުރިއެވެ.
އިންގްލެންޑް ކްއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ ސްވިޒަރލެންޑާއެވެ.