ޚަބަރު

ކޮޕާ އެމެރިކާ: އުރުގުއޭ އަށް ރެކޯޑެއް، ޕެނަމާ ކުއާޓާއަށް، އެމެރިކާ ކަޓައިފި


މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި އުރުގުއޭ އިން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ނިންމާލިއިރު، އެމެރިކާ ކަޓުވާލައި ޕެނަމާ އިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އުރުގުއޭ އަތުން 1-0 އިން އެމެރިކާ ބަލިވިއިރު، ޕެނަމާ އިން ވަނީ 3-1 ގެ ނަތީޖާއަކުން ބޮލީވިއާ އަތުން މޮޅުވެފައެވެ.

މި ނަތީޖާއާއެކު އުރުގުއޭ އޮތީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕެނަމާ އަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިނެއްގައި އެމެރިކާ އޮތީ ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ. އެންމެ ފުލުގައި އޮތް ބޮލިވީއާ އަށް ޕޮއިންޓެއްނުލިބެއެވެ.

އެރޯހެޑް ސްޓޭޑިއަމްގައި ގާތްގަނޑަކަށް 55 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ފަތިހު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފަހު ހާފުގައި އުރުގުއޭ އަށް ކާމިޔާބުކޮށްދިނީ މަތިއަސް އޮލިވޭރާ އެވެ.

މެޗުގެ 66 ވަނަ މިނެޓުގައި އުރުގުއޭގެ ނިކޮލަސް ޑި ލާ ކްރޫޒް ނެގި ހިލޭޖެހުމަކުން އެ ޓީމުގެ ޑިފެންޑަރު، ރޮނާލްޑް އަރައުހޯ ބޮލުން ފޮނުވާލި ބޯޅަ އެމެރިކާގެ ކީޕަރު، މެޓް ޓާނާ މަތަކުރުމުން ރީބައުންސްގައި އެ ބޯޅަ ލިބުމުން އޮލިވޭރާ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ. އުރުގުއޭ އިން ޖެހި މި ލަނޑު، ރެފްރީ ގަބޫލުކުރަން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.

މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕެނަމާ އިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ޖެހި ލަނޑު، 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޯސޭ ފަޖާޑާ އެވެ. މިއީ މި މުބާރާތުގައި ޖެހިޖެހިގެން އޭނާ ލަނޑުޖެހި ދެވަނަ މެޗެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ބޮލީވިއާ އަށް އެއްވަރުކޮށްދިނީ ބްރޫނޯ މިރަންޑާ އެވެ. އޭގެ ދިހަ މިނެޓުފަހުން، ޕެނަމާ އަށް އަލުން ލީޑްނަގައިދިނީ އެޑުއާޑޯ ގުރޭރޯ އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ އެއްވަނަ މިނެޓުގައި ޕެނަމާގެ ތިންވަނަ ލަނޑުޖަހައިދިނީ ސެޒާ ޔާނިސް އެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުތަކުގައި ގްރޫޕް ޑީ ގައި ހިމެނޭ ބްރެޒިލުން ކޮލަމްބިއާ އާ ދެކޮޅަށް ނިކުންނައިރު ކޮސްޓަ ރިކާ ބައްދަލުކުރާނީ ޕެރަގުއޭ އާ އެވެ. މި ދެ މެޗުވެސް ފަށާނީ މާދަމާ ހެނދުނު ރާއްޖޭގަޑިން 6 ޖަހާއިރު އެވެ.